ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދުބާއީގައި ބޭއްވި އެކްސްޕޯއަކަށް ދިޔަ މީހުން ހޯދުމަށް އެންއީއޯސީން އެދެފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ބޭއްވި "ގަލްފް ފުޑް އެކްސްޕޯ" އަށް ދޮޔަ ފަރާތްތައް އެޗްޕީއޭއަށް މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.
ރ. އަފްޒަލް ވިދާޅުވީ، މި އެކްސްޕޯއަށް ދިޔަ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 ޖެހިފައިވާ ފަރާތްތައް މި ބަލި ޖެހިގެން ހޭދަވާ މުއްދަތު އިތުރުވެފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މި މީހުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެ ރަނގަޅުވާ މީހުން އަލުން ބަލި ޖެހޭކަން ފާހަގަވެފައިވާ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެކްސްޕޯއަށް ދިޔަ އެންމެންގެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައިވަނީ، މި އެކްސްޕޯއަށް ދިޔަ މީހުންގެ ފަރާތުން ތަފާތު ގޮތަކަށް ބަލި ފެނިފައިވާތީ ކަމަށެވެ. އަދި މިއީ އައިސޮލޭޓް ކުރި ދެތިން ކޭސްއަކުން ފެނުނު ކަމެއްތޯ ނުވަތަ އެންމެންގެ ކިބައިން ފެނުން ކަމެއްތޯ ސާފުކޮށްލަން ބޭނުންވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މި ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ބޭނުންވާ ކަމަށާއި، މިއީ މިހާރު ހިނގަމުންދާ ކޭސްތަކާ ގުޅުން އިވެގެން ނޫން ކަމަށެވެ. ނަމަވެސް މިއީ ކޮވިޑް-19ގެ އެހެން ކޭސްތަކާ ތަފާތުތަކެއް ހުރި ކޭސްތަކެއް ކަމަށް ފާހަގަ ކުރެވިފައި ވާތީ އެކަން އިތުރަށް ބަލަން ބޭނުންވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ގަލްފް އެކްސްޕޯއަށް ދިޔަ މީހުންގެ މައުލޫމާތު ހިއްސާ ކުރުމަށް ޖެހެނީ 1676 އަށް ގުޅާފައެވެ.
ރާއްޖޭގެ ކޮވިޑް-19 ހާލަތަށް ބަލާއިރު، ޖުމްލަ 226 މީހުން ޕޮޒިޓިވްވެފައިވާއިރު، މިމަހު 15 ވަނަ ދުވަހުން މާލެ ސަރަހައްދުގައި މި ބަލި ގަދައަށް ފެތުރެން ފެށުމާއެކު، މިހާތަނަށް 206 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ކުރިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނާއި އެހެން ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނެސް ކަަރަންޓީނު ކުރުމުގެ ތެރޭގައި 20 ޕޮޒިޓިވް މީހަކު ފެނިފައި ވާއިރު، އޭގެ ތެރެއިން 17 މީހަކު ބަލިން ރަނގަޅުވެ، 2 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.