ކޮވިޑް-19އަށް 5 ސިފައިން ޕޮޒިޓިވް ވެފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ފެސިލިޓީ މެނޭޖަރު ކާނަލް ހުސެން އަލީ ވިދާޅުވީ، ސިމްޓަމެޓިވް ވެގެން އެކަހެރި ކުރި އަދަދެއް ހާމަ ނުކުރެވުނު ނަމަވެސް، މިހާތަނަށް ސިފައިންގެ 5 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. އެ 5 މީހުންނަކީ ކޮން ކޮންޓެކްޓަކާ ގުޅޭ ބައެއް ކަން ހާމަ ކޮށްފައި ނުވި ނަމަވެސް، އޭނާ ވިދާޅުވީ، ސިފައިންނަކީ މިހާރު އޮތް ކޮވިޑްގެ ހާލަތުގައި އެންމެ ފުރަންޓްލައިންގައި މަސައްކަތް ކުރާ އެއް މުއައްސަސާ ކަމަށެވެ.

ހަމަ އެއާއެކު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި ސިފައިން ހަރަކާތްތެރިވަމުން ދާ ކަމަަށާއި އާއިލާއާ ދުރުގައި މަސައްކަތް ކުރަނީ ހާލަތު ބަދަލު ކުރުމަށް ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ބައިވެރިވެވަޑައިގެން ވިދާޅުވީ، ސިފައިން ގޭގެއަށް އާއިލާތަކުގެ ގާތަށް ނުގޮސް މަސައްކަތް ކުރާތާ 3 ހަފްތާ ވެއްޖެ ކަމަށާއި، ފްރަންޓްލައިންގައި މަސައްކަތް ކުރާ އެހެން ފަރާތްތަކުންވެސް މަސައްކަތް ކުރަމުން ދަނީ މި އޮތް ހާލަތު ބަދަލު ކުރުމަށް ކަމަށެވެ.

އެމްއެންޑީއެފްގެ 5 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ރާއްޖޭގައި މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 214 އަށް އަރާފައެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނެއެވެ.