ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށް ވެވަޑައިގެންނެވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، ފަރުވާއަށް ފަހު ސަރުކާރު ހިންގެވުމުގެ ރަސްމީ މަސައްކަތަށް ނިކުންނަވައިފިއެވެ.

މިއާއެކު އިނގިރޭސިވިލާތުން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ ހަނގުރާމަ ރޭއްވެވުމުގެ ލީޑުވެސް ނަންގަވާފައި ވަނީ ބޮރިސް ޖޯންސަންއެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ ހާލުކޮޅު ރަނގަޅުވާ ގޮތް ނުވެގެން އައި.ސީ.ޔޫގައިވެސް ފަރުވާ ހޯއްދަވާ އެ ބަލުން ރަނގަޅުވެވަޑައިގެންފައިވާ ބޮރިސް ޖޯންސަން ރަސްމީ މަސައްކަތަށް ނިކުންނަވާފައިވާ މި ދަނޑިވަޅަކީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުގައި ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ކަންމިހެން އޮތްއިރު ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ ނުރައްކަލަށް އިނގިރޭސިވިލާތް ވައްޓާލަން ބޮޑުވަޒީރު ބޭނުންފުޅު ނުވާކަމަށް ޚަބަރު ލިބެއެވެ. އިނގިރޭސިވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 152840 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 131764 ކޭހެއް ފާހަގަކޮށްފައިވާއިރު، 1559 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. މި ބަލީގައި އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު ވަނީ 20732 އަށް އަރާފައެވެ.