ހުޅުމާލޭގައި ހަދާ ވިލެޖުން ކޮވިޑް-19 އަށް 2 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހުޅުމާލޭގައި ގާއިމް ކުރާ "ކޮވިޑް ވިލެޖް" އަކީ، ކޮވިޑް-19 ޖެހިގެން އެންމެ ނުރައްކާތެރި ހާލަތަށް ދާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމް ކުރާ 300 އެނދުގެ މެޑިކަލް ފެސިލިޓީއެކެވެ. މި ވިލެޖުން 2 މީހަކު ޕޮޒިޓިވް ވެފައި ވާކަން، އެންއީއޯސީން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް، މިއީ މިރޭ ފެނުނު 23 ކޭސްގެ ތެރޭގައި ހިމެނޭ 2 ކޭސްކަމެއް ނުވަތަ އާ ދެ ކޭސް ކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ. ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 214 އަށް އަރާފައި ވާއިރު، އިއްޔެ އެކަނިވެސް 73 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް ވިލެޖް، އިމާރާތުގެ މަސައްކަތް ނިންމަން ފެނަކައިގެ 100 ވަރަކަށް މުވައްޒަފުންނާއި ބިދޭސީންގެ އިތުރު ސިފައިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ފެނަކައިގެ މުވައްޒަފުންގެ ތެރޭގައި އެކި ރަށްރަށުން މާލެ ގެނެސްފައިވާ މުވައްޒަފުން ވެސް ހިމެނެއެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތަށް ބަލާއިރު، މިމަހު 15 ވަނަ ދުވަހުން މާލެ ސަރަހައްދުގައި މި ބަލި ގަދައަށް ފެތުރެން ފެށުމާއެކު، މިހާތަނަށް 194 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ކުރިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނާއި އެހެން ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނެސް ކަަރަންޓީނު ކުރުމުގެ ތެރޭގައި 20 ޕޮޒިޓިވް މީހަކު ފެނިފައި ވާއިރު، އޭގެ ތެރެއިން 17 މީހަކު ބަލިން ރަނގަޅުވެ، 2 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.