ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާގެ ވޫހާން ސިޓީގައި މި ބައްޔަށް ފަރުވާ ހޯދަމުންދިޔަ ހުރިހާ ޕޭޝަންޓުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަން (އެން.އެޗް.ސީ)ގެ ތަރުޖަމާނު މީ ފެންގް ވިދާޅުވީ، ވޫހާންއާއި ޗައިނާގެ އެކި ހިސާބުތަކުން ސިއްހީ ތަޖުރިބާކާރުންގެ ޓީމުން ކުރި މަސައްކަތުން، މިއަދުގެ ނިޔަލަށް ވޫހާންއިން ކޮވިޑް-19ގެ ހުރިހާ ޕޭޝަންޓުން މިހާރު ވަނީ ދޫކޮށްލާފައެވެ.

އެން.އެޗް.ސީއިން ހޮނިހިރު ދުވަހު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ވޫހާންއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 46452 އަށް އަރާފައެވެ. ވޫހާންއަކީ ކޮވިޑް-19އާ ގުޅިގެން ލޮކްޑައުން އަށް ދިޔަ ފުރަތަމަ ސިޓީވެސް މެއެވެ. އެތައް މަހެއްގެ ލޮކްޑައުންއަށްފަހު ވޫހާން އަލުން ހުޅުވާލީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ޗައިނާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 82827 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ 801 މީހަކަށް ކަމަށްވާއިރު، 51 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. މި ބަލީގައި ޗައިނާއިން މަރުވި މީހުންގެ އަދަދު ވަނީ 4632 އަށް އަރާފައެވެ.