މިއަދު އެއްފަހަރާ 36 މީހުން ޕޮޒިޓިވް ވެ ރެކޯޑް މިންވަރަކަށް އަދަދު މައްޗަށް ހިނގައްޖެއެވެ. އެޗްޕީއޭއިން ފަތިހު ކުރި ޓްވީޓެއްގައި ބުނީ ބަންގްލަދޭޝްގެ 29 މީހުންނާއި 6 ދިވެހިންނާއި އިންޑިއާ މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ މި މީހުން ފާހަގަ ކުރެވުނީ "އަޅާލުން ބޭނުންވާ" 3 ގެއަކުން ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން މީ އެންމެ ގިނަ އަަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނުނު ދުވަހެވެ. މި އަދަދާއެކު ޖުމްލަ މިހާރު ވަނީ 177 އަށް އަރާފައެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނޭ ބިދޭސީންގެ އަދަދު 101 ވަނީ އަރާފައެވެ. އޭގެ ތެރެއިން 72 މީހުންނަކީ ކޮމިއުނިޓީ ސްޕްރެޑްގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި ބަންގްލަދޭޝް މީހުންނެވެ. އަދި ކޮމިއުނިޓީ ސްޕްރެޑް ފެށުނުފަހުން މާލެ ސަރަހައްދުން ޕޮޒިޓިވް ވި ދިވެހިންގެ އަދަދު ވަނީ 73 އަށް އަރާފައެވެ.

ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ބިދޭސީންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައި ވާއިރު މާލެ ސަރަހައްދަކީ ގިނަ އްދަދެއްގެ ބިދޭސީން ދިއރިއުޅޭ ސަރަހައްދެކެވެ. އިޖުތިމާއީ އެކި މަަސައްކަތްތައް ކުރަނީ އެމީހުންނެވެ. ކަންމަތީ ފިހާރަތަކުގައިވެސް އުޅެނީ އެމީހުންނެވެ. މުދާ އުފުލުމާއި އެނޫންވެސް މަސައްކަތްތައްކުގައި އެމީހުން އުޅޭއިރު އާންމުންގެ ގޭގެއަށް ވެއްދޭ ތަކެތި ރަނގަޅަށް ޑިސްއިންފެކްޓް ކުރަން ޖެހެއެވެ.

ރާއްޖެގައި ކޮވިޑް ޖެހި މިހާތަނަށް މީހަކު މަރުވެފައި ނުވި ނަމަވެސް ކޮވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ޒުވާނުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ބުނެއެވެ.

ރާއްޖެއިން ފެނުނު ޕޮޒިޓިވް ކޭސްތަކާއެކު ޖުމްލަ 241 އެއް ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސް ބަލަހައްޓަމުން ދާކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.