ރާއްޖެ ގެންނަން މަސައްކަތް ކުރާ 18 ވެންޓިލޭޓަރެއް އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ގެނެވޭތޯ މަސައްކަތް ކުރަމުން ދާކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އަންނަ މަހުގެ ފުރަތަމަ ހަފަތާގެ ތެރޭގައި ރާއްޖެއަށް ގެންނަ 18 ވެންޓިލޭޓަރަކީ މެޑް ޓެކް ކުންފުންޏާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ގެންނަ ވެންޓިލޭޓަރުތައް ކަމަށެވެ. އަދި އެ ތަކެތި ގެނައުމަށް ހަމަޖެހިފައި ވަނީ ދުބާއީއިން ރާއްޖެއަށް އަންނަ ފްލައިޓަކުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މީގެކުރިން މަބްރޫކް ވިދާޅުވެފައި ވަނީ، ނާޑް ކުންފުނިން ގެންނަ ވެންޓިލޭޓަރުތައް ވެސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބޭރުގެ އެހީދޭ ފަރާތްތަކުގެ އެހީގައިވެސް ވެންޓިލޭޓަރު ލިބޭތޯ ބަލަމުން ދާކަމަށާއި އެގޮތުން ރާއްޖެއަށް 151 ވެއްޓިލޭޓަރެއް ގެނައުމަށް އެކި ފަރާތްތަކާ މިހާރުވެސް ހަވާލު ކުރެވުފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން 26 ވެންޓިލޭޓަރު ގެނައުމަށް 8.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ، ނާޑު ޕްރައިވެޓް ލިމިޓެޑްއާއެވެ. ފަންސާސް އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށް 14.4 މިލިއަން ރުފިޔާއަށް މެޑް ޓެކް ކުންފުންޏާއެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިވެގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް ގެންނަނީ، ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ވެންޓިލޭޓަރު ހަދިޔާ ކުރި ޖަމިއްޔާތައް:
- ޔުނިސެފް - 2 ޕޯޓަބަލް ވެންޓިލޭޓަރު
- ވޯލްޑްބޭންކް - 18 އައިސީޔޫ ވެންޓިލޭޓަރު
- އޭޑީބީ - 4 އައިސީޔޫ ވެންޓިލޭޓަރު
- އައިޑީބީ - 3 އައިސީޔޫ ވެންޓިލޭޓަރު
އެ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިވަނީ ހަމައެކަނި ޑަބްލިއެޗްއޯ މެދުވެރިގެން ގެންނަ 75 ވެންޓިލޭޓަރަށް ކަމަށް ރޭ މަބްރޫކު ވަނީ ވިދާޅުވެފައެވެ.
މި ވެންޓިލޭޓަރުތަކުގެ އިތުރުން ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގް ރާއްޖެއަށް 15 ވެންޓިލޭޓަރު ވަނީ ހަދިޔާ ކޮށްފައެވެ. މިތަކެތި އަދި ރާއްޖެ އައިކަން ސަރުކާރުން ހާމައެއް ނުކުރެއެވެ.
ކޮވިޑް-19 ޖެހިގެން ހާލުބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގައި މިހާރު ހުރި 97 ވެންޓިލޭޓަރުން ނުވެދާނެ ކަމަށް ބަލާ ރާއްޖެެއިން ބޭރުން ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ނަމަވެސް މި ހާލަތުގައި ދުނިޔޭގެ ހުރިހާ ގައުމެއްވެސް ދަނީ މިބައްޔަށް ހަނގުރާމަ ކުރަމުން ކަމަށް ވާއިރު ސިއްހީ ފަރުވާ ހޯދުމަށް ބޭނުންވާ ފަދަ ތަކެއްޗާއި ޑޮކްޓަރުންނާއި ނަރުހުންވެސް ހޯދުމުގައި ދަތިތަކެއް ހުރިކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކޮށްފައެވެ.
ސަރުކާރުން ވެންޓިލޭޓަރުތައް ގެނައުމަށްކުރާ މަސައްކަތުގެ ތެރެއިން މި މަހުގެ 19 ވަނަ ދުވަހު 6 ވެންޓިލޭޓަރެއް ވަނީ ރާއްޖެ ގެނެސްފައެވެ.