ސުވާލު: މީހާގެ ސިފަ ގެއްލޭވަރަށް މޭކަޕް ކުރުމާއި ޕްލާސްޓިކް ސާޖަރީ ހެދުމަކީ ކޮންކަހަލަ ކަމެއް؟

ޖަވާބު: ޒީނަތްތެރިވުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. ނަމަވެސް، ކޮންމެ ކަމެއްގައިވެސް ޙައްދެއް ކަނޑައަޅާފައި ވެއެވެ. އެ ޙައްދުން ބޭރު ވެއްޖެނަމަ، ނުރަގަޅު ކަމަކަށް ބަދަލުވެގެން ދެއެވެ.

އަންހެނުންގެ ޒީނަތްތެރި ކަމަކީ އެކަނބަލުންގެ ފިރިންނަށް ޚާއްޞަ ކުރަން ޖެހޭ އެއްޗެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި ހިލޭ ފިރިހެނުންނަށް ފޮރުވަން ޖެހޭ އެއްޗެކެވެ. އެއީ އެކަނބަލުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަންގަވާފައި އޮންނަ ކަމެކެވެ.

މީހާގެ ހަށިގަނޑުގައި ޢައިބެއް ހުރެއްޖެ ނަމަ، ޕްލާސްޓިކް ސާޖަރީ ހަދައިގެން ރަނގަޅު ކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެނޫން ގޮތަކަށް މީހާގެ ސިފަ ބަދަލު ކުރުމަކީ ﷲ ގެ ޚިލްގަތު ބަދަލު ކުރުމުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. އެފަދަ ކަންތަކުން ދުރުހެލިވެ ރައްކާތެރިވުމަށް އަންގަވާފައިވެއެވެ. ސޫރަތުއް ރޫމްގެ 30 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

(فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّـهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّـهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٣٠﴾)

މާނައަކީ: "ފަހެ، باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ حال، ކަލޭގެފާނުގެ މޫނުފުޅު إسلام دين އާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ فطرة އެއްގެ މައްޗަށް އުފެއްދެވި اللَّه ގެ فطرة އެވެ. اللَّه އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ دين އަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."

ސޫރަތުއް ނިސާގެ 119 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

(وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّـهِ ۚ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللَّـهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا ﴿١١٩﴾)

މާނައަކީ: "އަދި، ތިމަން ހަމަ ކަށަވަރުން، އެއުރެން މަގުފުރައްދާ ހުށީމެވެ. އަދި، ތިމަން އެއުރެން ލައްވައި، حقيقة އެއްނެތް އުންމީދު ތަކެއްވެސް ކުރުވާ ހުށީމެވެ. އަދި، ގެރި، ބަކަރި، جمل ގެ ކަންފަތްތައް ކެނޑުމަށް ވެސް އެއުރެންނަށް ތިމަން أمر ކުރާ ހުށީމެވެ. އަދި، اللَّه ގެ دين ބަދަލު ކުރުމަށްވެސް އެއުރެންނަށް ތިމަން أمر ކުރާ ހުށީމެވެ. اللَّه ފިޔަވައި شيطان އާ އެއީ އެހީތެރިޔަކު ކަމުގައި ހަދައިފި މީހާ (ދަންނާށެވެ!) ފަހެ، بيان ވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނި ވެއްޖެކަން ކަށަވަރެވެ."