އަމާޒު ބޯޓުގެ ކައްޕި ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން 13 ރަށެއް މޮނިޓަރިން ހާލަަތަށް ގެންގޮސް އެ ބޯޓުން ދަތުރުކުރި މީހުން އެޗްޕީއޭއަށް ގުޅުމަށް އެދިއްޖެއެވެ. އަމާޒު ބޯޓުގެ ދަތުރު ކުރި ރަށްތައް ގިނަ ކަމާއެކު ރަށްރަށަށް ބަލި ފެތުރިދާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.
އެގޮތުން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ރަށް ރަށުގެ ތެރޭގައި ހއ. އަތޮޅުން 2 ރަށަކާއި، ނ. އަތޮޅުން 6 ރަށަކާއި، ށ. އަތޮޅުގެ 5 ރަށެއް ހިމެނެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޕޮޒިޓިވް ވި މީހުންގެ ތެރެއިން ކޭސް 33 އަކީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަކީ އަމާޒު ބޯޓުގެ ކައްޕި ކަމަށެވެ. މިހާތަނަށް އެ ކޭސްއާ ގުޅިގެން 51 ފަރާތެއް ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ހޯދިފައި ވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ކޮންޓެކްޓް ޓްރޭސިން އަށް ހޯދިފައިވާ މީހުންގެ ތެރެއިން 5 މީހެއްގެ ފަރާތުން މިހާރު މި ބަލީގެ އަލާމާތްތައް ފެންނަމުން ދާކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.
އަމާޒު ބޯޓު މާލެއިން ފުރާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށާ ދަތުރު މަތީގައި ހިނަ ރަށްރަށަށް ޖައްސާފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި އެ ބޯޓު ދަތުރުކުރި ރަށްތަށް ގިނަ ކަމުން ރަށްރަށުގައި މި ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އަފްޒަލް ވިދާޅުވިއެވެ. އެ ބޯޓުގައި ޖުމްލަ 98 ފަރާތެއް ދަތުރުކޮށްފައި ވާ އިރު، އެފަރާތްތައް އެޗްޕީއޭއަށް ގުޅައިގެން އަވަހަށް އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް އަފްޒަލް އެދިވަޑައި ގެންނެވިއެވެ.
އަމާޒު ބޯޓު ދަތުރު ކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގެ ހާލަތަށް ގެންހގޮސްފައި ވާ ރަށްރަށަކީ، ނ. ހޮޅުދޫ އާއި ށ. ފުނަދޫއާއި، ށ. ނަރުދޫ އާއި، ށ. މިލަންދޫއާއި، ށ. ފީވަށް އަދި ށ. މާއުނގޫދޫއެވެ. ހަމައެއާއެކު މިހާރު މޮނިޓަރިންގެ ހާލަތަށް ލުމަށް ބައެއް ރަށްރަށުގެ ކައުންސިކުތަކަށް އެނގުމަށް މަސައްކަތް ކުރަމުން ދާކަމަށް މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މޮނިޓަރިންގެ ހާލަތަށް ލުމަށް މަސައްކަތް ކުރަމުންދާ ރަށްރަށުގެ ތެރޭގައި ހިމެނެނީ، ނ. ވެލިދޫ، ނ. މާފަރާއި، ނ. މިލަދޫއާއި، ނ. ކެނދިކުޅުދޫއާއި، ނ. ހެނބަދޫގެ އިތުރުން ހއ. އުތީމާއި، ހއ. ދިއްދޫއެވެ.