ށ އަތޮޅުގެ ފަސް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭން މިއަދުގެ ހަވީރު 15:50 އާ ހަމައަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ތަންތަމުގެ ތެރޭގައި ށ އަތޮޅުގެ ފަސް ރަށެއް ހިމެނެއެވެ.
އެއީ:
- ނަރުދޫ
- ފުނަދޫ
- މިލަންދޫ
- ފީވައް
- މާއުނގޫދޫ
އެޗްޕީއޭ އިން ފީވަކު ކައުންސިލަށް އެޑްރެސްކޮށް މިއަދު މެންދުރުފަހު 1:13 ގައި ނެރެފައިވާ މޮނިޓަރިން ނޯޓިސްގައި ބުނެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފީވަކުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓާ ކުރުމަށް ނިންމައި ފައިވާ ކަމަށެވެ.
ށ އަތޮޅުގެ ފަސް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު، ނަރުދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު މިއަދު ވަނީ ފެނިފައެވެ.
ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން ދާއިރު، މި ބަލި މާލެ ސަރަހައްދުގައި ފެތުރެން ފެށި ފަހުން 63 ދިވެހިންނާއި، 54 ބިދޭސީން ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ 46 ބަންގްލަދޭޝް ރައްޔިތުންނާއި 7 އިންޑިއާ ރައްޔިތުންނާއި އަދި ލަންކާ ރައްޔިތެކެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު 137 އަށް އަރާފައި ވާއިރު، ކޮވިޑް-19 އާ ގުޅިގެން 125 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އައިސޮލޭޓް ކޮށްފައެވެ. އަދި 1328 މީހަކު ވަނީ ކަރަންޓީނު ފެސިލިޓީ ތަކުގައި ކަރަންޓީނު ކޮށްފައެވެ.
މި ބަލި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން މިމަހު 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި 15 ވަނަ ދުވަހުން ފެށިގެން މާލެއިން އެހެން ރަށްރަށަށް ދަތުރު ކޮށްފައި ވާ ހުރިހާ ފަރާތްތައް އެކަހެރި ވުމަށް ވެސް ވަނީ އަންގާފައެވެ.