ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާއިން މި ބަލީގައި މީހަކު މަރުވެގެން ރިޕޯޓް ނުކުރާތާ ވިދިވިދިގެން 10 ދުވަސް ފާއިތުވެއްޖެއެވެ.

ލިބިފައިވާ އެންމެ ފަހުގެ ޚަބަރުތަކަށް ޗައިނާއިން ބަލި ފެންނަ މިންވަރުވެސް ވަނީ ދަށަށް ގޮސްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ޗައިނާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 12 މީހުންނެވެ. މިއާއެކު ޗައިނާއިން ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 82816 އަށް އަރާފައެވެ. މީގެ ތެރެއިން 77346 މީހަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 838 ޕޭޝްންޓްއެކެވެ. އެކްޓިވް ކޭސްތަކުގެ ތެރެއިން 49 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ، މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ 4632 ކޭހެކެވެ.

ކަންމިހެން އޮތްއިރު، ޗައިނާއިން މައުލޫމާތު އޮޅުވާލުން ނުވަތަ ސިއްރު ކުރާ ކަމުގެ ތުހުމަތުތަކެއް އެ ގައުމަށް ވަނީ އަމާޒުވެފައެވެ. ޗައިނާއިން ދަނީ މި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.

މުޅި ދުނިޔެއިންވެސް ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށީ ޗައިނާއިން ކަމަށް ވީ ނަމަވެސް، މި ބަލީގެ ފެށުން ދެނެގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މިނިވަން ތަހުގީގެއް ހިންގުމަށް ފުރުސަތު ނެތް ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މި ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށީ ޗައިނާގެ ހޫބޭ ޕްރޮވިންސްގައި އޮންނަ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދަކުންނެވެ.

ޗައިނާއިން ވަކާލާތުކުރާ ގޮތުގައި ބަލީގެ ފުރަތަމަ ކޭސްތައް ޗައިނާއިން ފެނުމަކީ، ބަލީގެ އަސްލު ޗައިނާގައި އޮތުމެއް ނޫނެވެ.