މިހާރު މާލޭގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިއީ ވީއްލާލަން ވީ ވަގުތު ނޫން ކަމަށާއި ދިގުލައިގެން ގޮސްދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި މަހުގެ ނިޔަލަށް މާލޭ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސް ތެރޭގައި ހަމަވާއިރު، މާލޭ ސަރަހައްދުގެ ލޮކްޑައުން އުވާލެވޭނެ ފަދަ އެއްވެސް ހާލަތެއް ނެތް ކަމަށެވެ.

ލޮކްޑައުންގައި އަދި ދުވަސްތަކެއް މަޑު ކުރަން ޖެހޭނެ ކަމަށާއި އެކަން ކުރަން ޖެހެނީ ވައިރަސް ކުއްލިއަކަށް ފެތުރުނަ ނުދީ ހިފެހެއްޓުމަށް ކަމަށްވެސް އަމީން ވިދާޅުވިއެވެ. ސިސްޓަމަށް ނުކަތާ ވަރަށް ބަލި މީހުން އިތުރު ވިޔަ ނުދިނުމަށް އޮތީ ހިފެހެއްޓުންތައް އުވާނުލުން ކަމަށާއި މިވަގުތު އިތުރު ހަރަކާތްތަކެއް ގެނެސްފި ނަމަ، ވައިރަސް މާ ބޮޑަށް މާލެ ތެރެއަށް ފެތުރިގެން ހިނގައިދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މާލޭގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހެވެ. އެ މުއްދަތު ހަމަވަނީ، މި މަހުގެ 30ގެ ނިޔަލަށެވެ.