ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހަގީގީ ފެށުމަކީ ކޮބައިތޯ ބެލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް ޗައިނާއިން ދެކޮޅު ހަދައިފިއެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ޗައިނާގެ ޑިޕްލޮމެޓެއް ކަމަށްވާ ޗެން ވެން ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި ޑިމާންޑަކީ ސިޔާސީ މަސްލަހަތު އެކުލެވޭ ޑިމާންޑެއް ކަމަށާ، މިކަމަކީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ ހަނގުރާމައުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަނިވި ކަމެއް ކަމަށެވެ.
ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ ފެށުން އައި ގޮތަކާ، އެންމެ ފުރަތަމަ ބަލި ފެތުރިގެންދިޔަ ގޮތް އެނގުން ވާނީ، މިއަދު މި ބަލިމަޑުކަމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާ ގައުމުތަކަށް ލިބިގެންދާނެ ބޮޑު ލުޔަކަށެވެ.
ކޮވިޑް-19ގެ ފެށުމާ ބެހޭ ގޮތުން މާ ބޮޑު ވާހަކަތަކެއް މިހާތަނަކަށް ކަށަވަރެއް ނުވެއެވެ. އެނގޭހާވެސް މިންވަރަކީ، މި ބަލީގެ ފުރަތަމަ ކޭސްތައް ރިޕޯޓްކުރަން ފަށާފައިވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސްގައި އޮންނަ ވޫހާން ސިޓީގައި، ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓް ހިމެނޭ ސަރަހައްދަކުން، 2019 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމެވެ.
ކޮވިޑް-19އާ ގުޅިގެން ޗައިނާއިން މައުލުމާތު ފޮރުވުމާ، އޮޅުވާލުމުގެ ޖަރީމާ ހިންގަމުންދާ ކަމަށް، ވިލާތުގެ އިއްތިހާދު (އީޔޫ)ވެސް ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ނަމަވެސް މި ހުރިހާ ތުހުމަތުތަކަށް ޗައިނާއިން ދަނީ އިންކާރު ކުރަމުންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ އެންމެ ކުރީކޮޅުއްސުރެ ފެށިގެން ގިނަ ބަޔަކު ދަނީ މި ބަލީގެ އަސްލު ދެނެގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގެ މިނިވަން ތަހުގީގެއް ހިންގުމަށް ޑިމާންޑް ކުރަމުންނެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ، އަންނަ މަހު އޮންނަ ވާލްޑް ހެލްތް އެސެމްބްލީގައިވެސް މިކަމަށް ވަކާލާތުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ވާލްޑް ހެލްތް އެސެމްބްލީއަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އަށް ކަންކަން ނިންމައިދޭ މައި މުއައްސަސާއެވެ. އޮސްޓްރޭލިއާއަކީ މި އެސެމްބްލީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރެކެވެ.
ކަންމިހެން އޮތް ނަމަވެސް، ބައިނަލްއަގުވާމީ ފެންވަރުގެ އެއްވެސް ތަހުގީގެއް މިކަމާ ގުޅިގެން ހިންގުމުގެ ފުރުސަތު ޗައިނާއިން ދެވެން ނެތްކަމަށް ޗެން ވަނީ ބީބީސިއަށް ވިދާޅުވެފައެވެ.