ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން އެ ބަލިން އެކަކު ރަނގަޅުވެ ދޫކޮށްލާފައިވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ޔޫކޭއިން ރާއްޖެއައި ދިވެއްސެއް (ކޭސް 18) ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި އޭނާގެ ޑަބަލް ނެގެޓިވް ނަތީޖާވެސް މިހާރު ލިބިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކޭސް 18ގެ ޓެސްޓް ޑަބަލް ނެގެޓިވް ވެފައިވީ ނަމަވެސް ދެތިން ދުވަސްތެރޭ އޭނާގެ އިތުރު ޓެސްޓެއް ހެދުމަށް ފަހު ނޫނީ އޭނާ ދޫކޮށްނުލާނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ، ބަލި ޖެހިފައިވާ މީހުން، ބަލިން ރަނގަޅުވެ ޑަބަލް ނެގެޓިވްވީ ކަމުގައިވީ ނަމަވެސް އެމީހަކީ ރޯނގާގެ އަލާމާތްތައް ބޮޑަށް ހުރި މީހަކު ކަމުގައިވާނަމަ އޭނާ ދޫކޮށްލާނީ އިތުރަށް މޮނިޓާ ކުރުމަށްފަހު ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކުރިން ރިކަވާވެ، ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުން ދޫކޮށްނުލާ ތިބި ކޭސް 17 އަދި 19 މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މިއާއެކު، ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދު 128 ގައިވާއިރު، ރާއްޖޭގައި ތިބި އެކްޓިވް ކޭސެސްތަކުގެ އަދަދަކީ 109 އެވެ. 2 ކޭސް ވަނީ ރާއްޖެއިން ބޭރުގައެވެ. އެއީީ ފުރައިގެން ދިޔައިރު ބަލި ހުރި 2 މީހެކެވެ. އަދި ބަލިން 17 މީހަކު ރަނގަޅު ވެފައި ވާއިރު، ކޭސް 14 އަދި 15 ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. މިހާރު އެކްޓިވް ކޭސްތަކަކީ މާލެ ސަރަހައްދުގައި މި ބަލި ފެތުރި، ޕޮޒިޓިވް ކަމަށް ދެނެގަނެވިފައިވާ 110 މީހުންގެ އިތުރުން ފިލިޕީންސުން ރާއްޖެއައި ދިވެއްސެކެވެ.