ސުވާލު: މަސަދު ސޫރަތުގައި އަބޫލަހަބު، ދުނިޔޭގައި ހުއްޓާ އޭނާ ދާނީ ނަރަކަ އަށް ކަން އަންގަވާފައިވޭ. އޭނާއަށް ތައުބާވުމުގެ ފުރުޞަތު ނެތުނީ ކީއްވެތޯ؟
ޖަވާބު: މާތް ﷲ ގެ އަޅުތަކުންނަށްޓަކައި ތައުބާގެ ދޮރު ހުޅުވިފައި ވުމާއި، ބައެއް މަޚްލޫގުން އެބައިމީހުން އީމާން ނުވާނެ ކަމަށާއި، އެބައިމީހުން ވަނީ ނަރަކައިގައި ކަމަށް އަންގަވާފައިވާ ވުމާއި ފުށު އެރުމެއް ނުވެއެވެ.
އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "ކޮންމެ މީހަކުވެސް ހެޔޮ ޢަމަލެއް ކުރަން ބޭނުން ވެއްޖެނަމަ އެކަމުގެ ފުރުޞަތު އޮތީ ހުޅުވިފައެވެ. އަދި ﷲ ޙަރާމްކުރެއްވި ކަންތަކުން ދުރުހެލިވެ ރައްކާތެރިކަން ހޯދުމުގެ ގޮތުން ފާފަތަކުން ދުރުހެލިވާން ބޭނުން ވެއްޖެނަމަ، އެކަމަގު ފުރުޞަތުވެސް ވަނީ ހުޅުވިފައެވެ. މިކަމާ މެދުގައި ހުރިހާ މިއްލަތްތަކެއްގެ މީހުންވެސް އެއްބަސްވެއެވެ.
މާތް ﷲ އަލްމަސަދު ސޫރަތް ބާވާލެއްވުމުގެ ކުރިން އަބޫލަހަބަށް ވަނީ އީމާންވުމަށް ދަޢްވަތު ދެވިފައެވެ. އަދި އީމާންކަމުގެ ފޮނިމޭވާ އަކީ ކޮބައިކަމާއި އީމާން ނުވެއްޖެނަމަ ލިބޭނެ ވޭންދެނިވި ޢަޛާބުގެ ވާހަކަ ވަނީ ބަޔާންކޮށް ދެއްވާފައެވެ. އެހެންނަމަވެސް، އޭނާ ކިބުރުވެރިވެ، ދެކޮޅުވެރިކަން ފާޅުކޮށް، ޙައްދުފަހަނަ އަޅާ ގޮސް، އޭނާގެ މައްޗަށް ﷲ ގެ ވަޢީދުގެ ބަސްފުޅު ޙައްގުވާ ދަރަޖަ އަށް ކަންތައް ދިޔުމުން އޭނާ ވަނީ ނަރަކައިގާ ކަން ބަޔާން ކުރައްވާ ސޫރަތް ބާވާލެއްވިއެވެ.
ނޫޙު ޢަލައިހިއްސަލާމްގެ ގައުމުގެ މީހުންނަށް އެކަލޭގެފާނު ދީނަށް ގޮވާލައްވާތާ 950 އަހަރު ފަހުން، އެބައިމީހުންގެ ޙާލަތު ބަޔާން ކުރައްވާ ސޫރަތު ހޫދުގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ.
(وَأُوحِيَ إِلَىٰ نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ آمَنَ فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ ﴿٣٦﴾)
މާނައަކީ: "نوح ގެފާނަށް وحى އިއްވެވިއެވެ. ކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން މިހާތަނަށް إيمان ވެގެން ތިބި މީހުން މެނުވީ، إيمان އެއް ނުވާނެތެވެ. ފަހެ، އެއުރެން ކޮށް އުޅޭ ކަންތަކާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ!"
އެބައިމީހުން މަގުފުރެދި އީމާން ނުވާނެ ބަޔެއްގެ ގޮތުގައި އަންގަވާފައި ވަނީ، އެބައިމީހުންނާ ހަމައަށް ޙައްގު ދީން ފޯރުކޮށް ދެއްވުމަށް ފަހުގަ އެވެ. ވުމާ އެކު، ތައުބާގެ ދޮރު ހުޅުވިފައި އޮންނަ ކަމަށް އޮންނަ ބަސްފުޅާއި މިކަމާއި ފުށު އެރުމެއް ނެތެވެ.