ސުވާލު: އިބިލީސް ދޫކޮށްލެވިފައި ހުންނަނީ ކީއްވެގެންތޯ؟ އަދި އިބިލީހަށް ބާރުދެއްވާފައި އިންސާނުން މަގުފުރައްދަން ފުރުޞަތު ދެއްވާފައި އޮތްއިރު، އޭގެ ސަބަބުން އިންސާނާ މަގުފުރެދުމުން އޭގެ ޒިންމާ އިންސާނާ ނަގަން ޖެހެނީ ކީއްވެގެންތޯ؟

ޖަވާބު: މާތް ﷲ ޝައިޠާނާ އުފައްދަވާފައި ވަނީ އިންސާނުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އެބައިމީހުން އިޖާބަ ދެނީ ﷲ ގެ އަމުރަށްތޯ ނުވަތަ ޝައިޠާނާގެ ގޮވާލުންތަކަށްތޯ ބެއްލެވުމަށްޓަކައެވެ. ޝައިޠާނާ އިންސާނާ މަގުފުރެއްދުމަށް ކުރާ ހަނގުރާމާގައި އޭނާ ބަލިކޮށް ކާމިޔާބު ހޯދަން މަސައްކަތް ކުރަން ޖެހެއެވެ. އޭރުން ﷲ ގެ ޙަޟްރަތުން މަތިވެރި ދަރުމަތައް ލިބިގެންދާނެއެވެ.

ދުނިޔޭގެ ޙަޔާތަކީ ހެވާއި ނުބައި އެކުލެވިގެންވާ ހަނގުރާމައިގެ މައިދާނެކެވެ. ޝައިޠާނާ ވަނީ އިންސާނުންގެ މައްޗަށް ޢަދާވާތްތެރިކަމާއި ބޮޑާކަން ފާޅުކޮށް އިންސާނުންގެ ބައްޕަ އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ކުރުމަށް ދެކޮޅު ހަދާފައެވެ. އެކަމުގެ އަދަބެއްގެ ގޮތުން އޭނާ ވަނީ ސުވަރުގެ އިން ބޭރުކޮށްލެވިފައެވެ. އެކަމުގެ ބަދަލު ހިފާނެކަން އޭނާވަނީ ﷲ ގެ ޙަޟްރަތުގައި ވަޢްދުވެފައެވެ. ސޫރަތުލް އަޢްރާފްގެ 16 އަދި 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ، (قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ ﴿١٦﴾ ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ ﴿١٧﴾) އެވެ. މާނައަކީ: "އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكر ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ."

ޝައިޠާނާ އަކީ އިންސާނުންނަށް ހުރި އެނގި ބަޔާންވެގެންވާ ޢަދާވާތްތެރިއެއް ކަމާއި، އޭނާ އަށް ކިޔަމަން ނުވުމަށް ﷲ ވަނީ އަންގަވާފައެވެ. ސޫރަތު ޔާސީންގެ 61.62.63 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ، (أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿٦٠﴾ وَأَنِ اعْبُدُونِي ۚ هَـٰذَا صِرَاطٌ مُّسْتَقِيمٌ ﴿٦١﴾ وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا تَعْقِلُونَ ﴿٦٢﴾) އެވެ. މާނައަކީ: " އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން شيطان އާއަށް އަޅުކަން ނުކުރުމަށް ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނަށް އަމުރު ނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާއަކީ ތިޔަބައި މީހުންނަށް ހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ. އަދި ތިޔަބައި މީހުން ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. އަދި ހަމަކަށަވަރުން، އެ شيطان އާ ތިޔަބައި މީހުންގެ ތެރެއިން ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، ވިސްނާ ބަޔަކުކަމުގައި ތިޔަބައި މީހުން ނުވަމު ހެއްޔެވެ؟"

ސޫރަތު ފާޠިރުގެ 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ، (إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ ﴿٦﴾) އެވެ. މާނައަކީ: "ހަމަކަށަވަރުން، شيطان އާއަކީ، ތިޔަބައި މީހުންނަށް ވާ عداوة ތެރިއެކެވެ. ފަހެ، އެ شيطان އާއީ، عداوة ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعة އަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهل ވެރިންގެތެރެއިން ވުމަށެވެ."

އެހެންކަމުން ޝައިޠާނާގެ ހެއްލުންތަކުން ސަލާމަތްވާން ކުރާ މަސައްކަތުގެ ސަބަބުން ޘަވާބު ލިބޭނެއެވެ.

ޢިލްމުވެރިޔަކާ ސުވާލު ކުރެވުނެވެ. މާތް ﷲ އިބްލީސް ހެއްދެވީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. "އޭނާގެ ނުބައިނުލަފާ ކަމުން ދުރުކޮށް ސަލާމަތް ކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމުގެ ސަބަބުން ﷲ އާ ކުއްތަން ވުމަށެވެ. ކޮންމެ ނުބައިކަމެއްގައިވެސް ކޮންމެވެސް މިންވަރެއްގެ ހެވެއް ވެއެވެ."

ނިމުމީ