އިތުރު 14 މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު މިއަދު ޕޮޒިޓިވް މީހުންގެ ޖުމްލަ 23 އަށް އެރީއެވެ. މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒުލާ ރަފީގު ވިދާޅުވީ، މި 14 މީހުންނަކީ އެއްތަނެއްގައި އުޅޭ ބިދޭސީން ކަމަށެވެ.

މާލެ ސަރަހައްދަކީ ގިނަ އަދަކަށް ބިދޭސީން އުޅޭ ސަރަހައްދަކަށް ވުމުގެ އިތުރުން ގިނަ ބިދޭސީން އުޅެނީ ގިނަ އަދަދެއްގެ ބަޔަކު އެއް ކޮޓަރިއެއް ނުވަތަ އެއް ކުއާޓަރެއްގައެވެ. އެެހެން ވުމާއެކު މި ބާވަތުގެ ވައިރަހެއް ފެތުރޭއިރު އިސާހިތަކު ގިނަ ބަޔަކު ބަލިވާނެ ކަމީ ހަގީގަތެކެވެ.

މިއަދު ކުރިން ބަލިވި 9 މީހުންގެ ބައެއް ތަފްސީލުވެސް މިރޭ ޑރ. ނަޒުލާ ވަނީ ދެއްވާފައެވެ. އެގޮތުން ކޭސް 53 އާ ގުޅޭ 2 މީހަކާއި، ކޭސް 36 އާ ގުޅޭ ދެމީހަކު ހިމެނޭ ކަމަށް ފާހަގަ ކުރަައްވާފައިވެއެވެ. އަދި ކޭސް 38 އިން 49 އާ ހަމައަށް ހިމެނޭ ކްލަސްޓާއާ ގުޅުން ހުރި މީހުންވެސް ހިމެނޭ ކަމަށް ޑރ. ނަޒުލާ ވަނީ ވިދާޅުވެފައެވެ.

ޑރ. ނަޒުލާ އިތުރަށް ވިދާޅުވީ، ޕޮޒިޓިވް ވަމުންދާ ކޭސްތަކާ ގުޅިގެން މިއަދު މުޅިން އަލަށް 137 ފަރާތެއް ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައިވެސް ދެނެގަނެވިފައި ވާކަމަށެވެ.

މިއަދު މިހާތަނަށް 4960 ސާމްޕަލެއް ނަގާފައި ވާއިރު ޕޮޒިޓިވް ވި ޖުމްލަ ވަނީ 108 އަށް އަރާފައެވެ. މީގެ ތެރެއިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ. އަދި ބަލި މީހުން (އެކްޓިވް) ގެ ގޮތުގައި މިހާރު 90 މީހުން އެބަތިއްބެއެވެ.