އަސާސީ ހިދުމަތް ދިނުމަށް 2 ދުވަހަަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވަން ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ މި މަހުގެ 27 އަދި 29 ވަނަ ދުވަހު ބީއެމްއެލުން ބައެއް އަސާސީ ހިދުމަތްތައް ދިނުމަށް ބޭންކް ހުޅުވުމަށް ނިންމާފައިވާ ކަމަށާއި އެ ދެ ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30ށް ކަމަށެވެ.
ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އިރު، އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ގެ ހިދުމަތް ހޯދުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް [email protected] މެދުވެރިކޮށް ފޮނުވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް އެދި ހުށަހެޅޭނެ ކަމަށާއި، ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ އަދި ލެޓާ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން (ޕޭރޯލް) މުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިދުމަތައް އެދި ހުށަހެޅުމުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭ ގޮތަށް ކަމަށާއި އެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/payroll-services މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބޭންކުން ބުނެއެވެ.
އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރަން ހަމަޖެހިފައިވާއިރު، އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކްތައް ޕްރޮސެސް ކުރާނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައެވެ. ހެނދުނު 11:30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
އަދި ބީއެމްއެލްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަމަ، ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ބީއެމްއެލުން ބުނެއެވެ.
ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަރނެޓް ބޭންކިންގް މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ކުރާ ގޮތަށް ކަމަށާއި ހެނދުނު 11.30 ގެ ކުރިން އިންޓަރނެޓް ބޭންކިންގް މެދުވެރިކޮށް ލިބޭ އާރްޓީޖީއެސް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބެންކުން ބުނެއެވެ.
ހެނދުނު 11.30 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމްއާރްޓީޖީއެސް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށްވެސް ބީއެމްއެލުން ބުނެފައިވާއިރު، ބީއެމްއެލްގެ ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ނިންމާފައިވާ އިރު ހުއްދަ ލިބިފައިވާ ފަރާތްތަކަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެއެވެ. އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ.