ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަކީ އެމްޑީޕީގެ މެންބަރުންނަށް ވުމަކުން މަޖިލީހުގެ މެންބަރުން "ކަނު އިތުބާރު" ކުރަން ނުޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، ދައުލަތް ހިންގުމަށް ޓަކައި މި ވަގުތަށް ކޮންމެހެން ބޭނުންވާ ހަތަރު ބިލިއަން ރުފިޔާ ނެގުމަށް ފިނޭންސް މިނިސްޓްރު ހުއްދައަށް އެދި އިއްޔެ މަޖިލީހަށް ސިޓިއެއް ފޮނުއްވާފައިވަނި ކޮށް އެކަމަށް ރިޔާއަތް ކުރައްވަމުންނެވެ.

އީވާ ވިދާޅުވީ ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީގެ މެންބަރުން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުން "ކަނު އިތުބާރު" ކުރަން ނުޖެހޭ ކަމަށާއި އެ ފައިސާ ދޫކުރަން ޖެހޭނީ ދެފުށް ފެންނަ ގޮތަކަށް އެ ފައިސާ ހަރަދު ކުރެވޭނެ ގޮތް ފެންނާނެ ގޮތަކަށް ކަމަށް އީވާ ވިދާޅުވިއެވެ.

ދައުލަތް ހިންގުމަށް ޓަކައި މި ވަގުތަށް ކޮންމެހެން ބޭނުންވާ ހަތަރު ބިލިއަން ރުފިޔާ ނެގުމަށް ފިނޭންސް މިނިސްޓްރީއަށް ހުއްދަ ދޭއިރު، އެ ފައިސާ ހޭދަ ކުރަމުން ދާ ގޮތުގެ ތަފުސީލުތައް މިނިސްޓްރީން އާންމު ކުރަން އަންގަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެ ފައިސާ ހަރަދުކޮށް ކަންކަން ކުރާނެ ގޮތުގެ ޕްރޮގްރާމްތަކުގެ ފުރިހަމަ ރިޕޯޓެއް އެމްއެމްއޭއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށާއި އެ ރިޕޯޓް ރައްޔިތުންނަށް ފެންނާނެ ގޮތަށް އާންމުވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި މިހާތަނަށް މި މައްސަލައަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް ވަނީ ފިނޭންސް މިނިސްޓްރީން އެދިފައިވާ ގޮތަށް ފާސް ކުރުމަށް ތާއީދު ކުރައްވާފައެވެ. ވީހާވެސް އަވަހަކަށް އެ ކަން ކުރަން މެންބަރުން ތާއީދު ކުރައްވައެވެ. އެކަމަކު މިނިސްޓަރު އެއަށް ޖަވާބުދާރީވާނެ ގޮތަކާއި ހާމަކަން ބޮޑުކޮށް އޭގެ ތަފުސީލުތައް ހާމަ ކުރުމަށް ވެސް މެންބަރުން ތާއީދު ކުރައްވައި ވާހަކަ ދެއްކެވިއެވެ.

ކޮވިޑް19 ގެ ސަބަބުން ގައުމުގެ އިގްތިސޯދަށާއި މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިދުމަތްތައް ހުއްޓުނަ ނުދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރެވޭ ލިމިޓް މަތިކުރުމަށް އެދިފައެވެ. އެކަމުގެ ސަބަބުން ދައުލަތުން ކުރު މުއްދަތުގައި ކުރަންޖެހޭ ހަރަދުތައް ކޮށް ހިދުމަތް ދިނުމަށް މަގުފަހި ވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން 4.4 ބިލިއަން ރުފިޔާ 1 އަހަރުގެ ދުވަހުގެ މުއްދަތަށް، ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް، އޯވާޑްރޯ ކުރެވޭ ގޮތަށް ހަަމަޖެހިގެން ދިއުމަކީ ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތުގެ ކަށަވަރުކަން ދެވޭނެކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.