ކޮވިޑް19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް ލާފައި އޮތުމަށްފަހު ރޭ އެ ހާލަތުން ހއ. އިހަވަންދޫ ނެގި ނަމަވެސް ކުރިންވެސް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް އެރަށު ކޮވިޑް19 ޓާސްކް ފޯސްއިން ނިންމައިފިއެވެ.

ކޮވިޑް19 އާއި ގުޅިގެން އިހަވަންދޫ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ އުލިގަމުން ދިވެއްސަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އަދި އުލިގަމުން ކޮވިޑް19 އަށް ޕޮޒިޓިވް ވި ދިވެހި މީހާ ދަތުރުކުރި ބޯޓުން ދަތުރުކުރި އެހެން މީހުން ފޭބި ރަށްތައް ހޯދާ އެ ރަށްތައް ވެސް މީގެކުރިން މޮނިޓަރިންގެ ހާލަތަށްލިއެވެ. އޭގެތެރޭގައި އިހަވަންދޫވެސް ހިމެނެއެވެ. ނަމަވެސް 14 ދުވަސް ހަމަ ނުވި ނަމަވެސް އެޗްޕީއޭއިން ވަނީ ރޭ އެ ރަށް މޮނީޓަރިންގެ ހާލަތުން ނެގުމަށް ނިންމާފައެވެ. ނަމަވެސް ޕޮޒިޓިވްވި މީހާ ފެނުނު އުލިގަމު އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

މިކަމާ ގުޅިގެން އިހަވަންދޫ ކައުންސިލުން ބުނީ، އެޗްޕީއޭ އިން އިހަވަންދޫ މޮނީޓަރިންގެ ހާލަތުން ނެގުމަށް ރޭ ނިންމި ނަމަވެސް، އެރަށު ކާވިޔާ ބޯޓުން ދަތުރު ކުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާ އަދި އޭނައާ ކޮންޓެކްޓްވި އިތުރު މީހެއް އެ ބައްޔަށް ޕޮޒިޓިވް ވެފައި ވާކަން ރޭ އެޗްޕީއޭ އިން އިއުލާން ކުރުމާ ގުޅިގެން، އެ ބޯޓުން ދަތުރު ކުރި ކޮވިޑް19 ޕޮޒިޓިވް ވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 9 މީހަކާއި އަދި އެ ބޯޓުން ދަތުރު ކުރި އިތުރު 19 މީހަކު އެރަށުގައި އެކަހެރި ކޮށްފައި ތިބި ކަމަށެވެ.

އަދި އެއިން އެއްވެސް މީހެއްގެ ސާމްޕަލް ނަގައި މިހާތަނަށް ޓެސްޓު ކުރެވިފައި ނުވާ ކަމަށާއި، އަދި އައިސޮލޭޝަނުގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރެވިފައި ނުވާތީ ކޮވިޑް19 އާ ގުޅިގެން އިހަވަންދޫގައި މިހާރު އަޅާފައިވާ ހުރިހާ ފިޔަވަޅެއް އެ ގޮތުގައި ދެމެހެއްޓުމަށް ކޮވިޑް19 ގެ އިހަވަންދޫ ޓާސްކު ފޯސްއިން ނިންމާފައިވާ ކަމަށެވެ.

އިހަވަންދޫގެ އިތުރުން ހދ. ނޮޅިވަރަމްއާ ހއ. ތުރާކުނާއި ހދ. ވައިކަރަދޫއާ ހއ. ތަކަންދޫއާ ހދ. ހިރަމަރަދޫއާ ހއ. ހޯރަފުށްޓާއި އަދި ހއ. މާރަންދޫ ވެސް އެޗްޕީއޭ އިން ރޭ ވަނީ އާއްމު ހާލަތަކަށް ގެނެސްފައެވެ. ނަމަވެސް އިހަވަންދޫ ނޫނީ އެ އެހެން ރަށްތަކުގެ ޓާސްކް ފޯސް އިން އަޅާފައިވާ ފިޔަވަޅުތައް އަދި ދަމަހައްޓަން ނިންމާފައެއް ނުވެއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 86 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ.