ކޮވިޑް19 ގެ ސަބަބުން ގައުމުގެ އިގްތިސޯދަށާއި މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިދުމަތްތައް ހުއްޓުނަ ނުދިނުމަށް 4.4 ބިލިއަން ރުފިޔާގެ އޯވާޑްރޯ ކުރެވޭގޮތް ހެދުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅައިފިއެވެ

ކޮވިޑް 19 އާ ގުޅިގެން އަންނަ އިގްތިސޯދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ މެނޭޖްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފާހަގަކޮށް ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރެވޭ ލިމިޓް މަތިކުރުމަށް އެދިފައެވެ. އެކަމުގެ ސަބަބުން ދައުލަތުން ކުރު މުއްދަތުގައި ކުރަންޖެހޭ ހަރަދުތައް ކޮށް ހިދުމަތް ދިނުމަށް މަގުފަހި ވެގެން ދާނެ ކަމަށް ބުނެއެވެ. އެގޮތުން 4.4 ބިލިއަން ރުފިޔާ 1 އަހަރުގެ ދުވަހުގެ މުއްދަތަށް، ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް، އޯވާޑްރޯ ކުރެވޭ ގޮތަށް ހަަމަޖެހިގެން ދިއުމަކީ ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތުގެ ކަށަވަރުކަން ދެވޭނެކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އޮވާޑްރޯ އިތުރު ކުރުމަށް ހުށަހަޅާފައި ވަނީ ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ ވަޒީފާ ގެއްލިފައިވުމާއި، ރާއްޖޭގެ އިގްތިސޯދުގެ އެގްރިގޭޓް ޑިމާންޑް ދަށްވެފައިވުމާ، ދުނިޔޭގެ އިގްތިސޯދީ ހަރަކާތްތައްވެސް މަޑުޖެހިފައިވުމާއި ބޭރުގެ ދަތުރު ފަތުރު މަދުވުމާއި ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ދަށްވެފައިވުމާއި ގުޅިގެން ބޭރު ފައިސާގެ ޑިމާންޑަށް މި ވަގުތު އިތުރުވުމެއް އަންނާނެކަމަށް ނުބެލެވޭތީ ކަމަށް ފިނޭންސުން ބުނެއެވެ. މީގެ އިތުރުން، އިގްތިސޯދީ ހަރަކާތްތައް މަޑުޖެހިފައިވާ މި ދަނޑިވަޅުގައި ފައިސާ އެނބުރޭ މިންވަރު އިތުރުކުރުމަށްވެސް ފިޔަވަޅުއަޅަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މެދު ރާސްތާގައި، މި ކާރިސާއިން އަރައިގަތުމަށްފަހު، ބާޒާރުގައި އެނބުރޭ ދިވެހި ފައިސާ މަދުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސިދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފައިނޭންސިން އިންފްލޯތައް އަންނަ މިންވަރަކުން ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯ ކުރަންޖެހޭ މިންވަރު ކުޑަކުރެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން އޯވާޑްރޯ ލިމިޓް ވާނީ މި މުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ވެދެވޭ އެހީއަކަށް ކަމަށާއި ދައުލަތަށް އާމްދަނީ އަދި ފައިނޭންސިން ލިބޭ މިންވަރަކުން އޯވަޑްރޯކުރަން ޖެހޭ މިންވަރު ކުޑަވާނެ ކަމަށް ވެސް ފިނޭންސުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީގައި ވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ރ) ގައި އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އެ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން މަޖިލީހުގެ ހުއްދައާއެކު މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުން އިސްތިސްނާ ކުރިވިދާނެކަމަށް ވިދާޅުވެފައެވެ.

އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި 32 ވަނަ މާއްދާގައި (ހ) (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާކުރުމުގެ ހުއްދައަށް އަމީރު ފޮނުއްވި ސިޓިގައި އެދިވަޑައިގެންފައި ވެއެވެ.