މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އެވްރެޖު އުމުރަކީ 40 އަހަރުން ދަށް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރި މައުލޫމާތުތަކުން އެނގިއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ފިރިހެނުންނެވެ. އެގޮތުން މި ބައްޔަށް މިހާތަނަށް 49 މީހުންނަކީ ފިރިހެނުންނެވެ. އަދި އަންހެނުންގެ އަދަދަކީ 20އެވެ.
އެ ސެންޓަރުން ހާމަކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އެވްރެޖު އުމުރު އުޅެނީ 38 ގައެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ ކަމަށް ސިއްހީ މާހިރުންވެސް ލަފާ ކޮށްފައިވާ އުމުރަކީ، އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުގައި ރާއްޖޭގައި ބަލި ޖެހިފައިވާ ފިރިހެނުންގެ އެވްރެޖު އުމުރަކީ 36އެވެ. އަދި އަންހެނުންގެ އެވްރެޖު އުމުރަކީ 30އެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން ކުޑަ ކުދިންވެސް ހިމެނެއެވެ. އެންމެ ހަގު ކުއްޖާގެ އުމުރަކީ ދެ އަހަރެވެ. ދެން ތިބި ދެ ކުދިންގެ އުމުރަކީ 8 އަހަރާއި 17 އަހަރެެވެ. މީގެއިތުރުން މި ބައްޔަށް ޕޮޒިޓިވްވި އެއް އަންހެނަކީ މާބަނޑު މީހެއް ކަމަށްވެސް މީގެކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރު ޔަގީންނުވާ 13 މީހަކުވެސް އެބަހުއްޓެވެ. ނަމަވެސް އެއީ ދިވެހިންނެއް ނޫނެވެ. އެއީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ.
ރާއްޖެއިން މި ބައްޔަށް މިހާތަނަށް 83 މީހަކު ޕޮޒިޓިވްވެފައިވާއިރު މިއަދުވެސް މި ބައްޔަށް ވަނީ 14 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ޖުމްލަ 6 ބިދޭސީންނާއި 8 ދިވެހިން ހިމެނެއެވެ. މިއަދު ޕޮޒިޓިވްވި 8 ދިވެހިންގެ ތެރޭގައި އުމުރުން 80 އަހަރުގެ މީހަކުވެސް ހިމެނެއެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.