ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ކުރީގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ހާއްސަ ދަރުސްތަކެއް މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ބާއްވާ ގޮތަށް ނިންމައިފިއެވެ.

ޑރ. ޝަހީމް ދެއްވާ ދަރުސްތައް ބާއްވަނީ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު، ރާއްޖެ ގަޑިން 16:45 އިން ފެށިގެން 17:15 އަށެވެ. އަދި މި ދަރުސްތައް ދައްކާނީ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

ޑރ. ޝަހީމް ދަރުސް ދެއްވާ ބައެއް މައުޟޫތަކުގެ ތެރޭގައި، އިސްލާމީ އިޖްތިމާއީ ނިޒާމާއި މިޒަމާނުގެ ގޮންޖެހުންތަކާއި އޭގެ ހައްލުތަކާއި އިސްލާމީ އުންމަތުގެ ނަމޫނާ ލީޑަރުންނާއި ފިގުހުވެރިންނާއި ސައިންސްވެރިންގެ އިތުރުން އިސްލާމީ ޝަރީއަތުގެ މަގުސަދުތަކުގެ އަލީގައި އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ގައުމެއް ތަރައްގީކުރުން ހިމެނެއެވެ.

މީގެ އިތުރުން ތައުހީދުގެ އަސާސްތަކުގެ މަތީގައި އިންސާނިއްޔަތާއި ހަޟާރަތު ބިނާކުރުމާއި ބެހޭގޮތުންނާއި، ކީރިތި ގުރުއާނާއި ސުންނަތުގެ ދުއާތަކާއި ބެހޭ މައުޟޫގެ އިތުރަށް، ކީރިތި ގުރުއާނައި ސުންނަތުގެ އަލީގައި އިންސާނާއާ ގުޅުން ހުރި ކަންކަން ހިމެނެއެވެ.