މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންނާ ދެމެދު އިއްޔެ ހަމަނުޖެހުން ހިނގުމާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރައްކާތެރިކަމަށްޓަކައި، ގެއަށް ބަދަލު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ދެ ޕާޓީގެ ޒިންމާއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިއްޔެ ހިނގި ހަމަނުޖެހުމާ ގުޅިގެން ކަރެކްޝަނުން ބުނީ މާފުށީ ޖަލުގައި އިއްޔެ ހަމަނުޖެހުން ހިނގީ ޔުނިޓް ނުވައެއްގައި ތިބި ގައިދީންނަށް ކާންދޭން ގޮޅި ހުޅުވި ވަގުތު ބައެއް ގައިދީން ގޮޅިން ނުކުތުމުން ކަމަށެވެ. އެ ހަމަނުޖެހުމުގައި ގައިދީއަކަށާއި ޖަލުގެ ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ކަރެކްޝަންސުން ބުނެއެވެ. އެކަމަކު މިހާރު ޖަލުގެ ހާލަތު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
އެ ހާދިސާއާ ގުޅިގެން ޖަލަށް ޒިޔާރަތް ކުރެއްވުމަށް ފަހު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި މުއައްސަސާތަކަށް ބާރުބޮޑުވެފައިވާ ދަނޑިޔަވަޅުގައި ޖަލު ހަލަބޮލި ކުރަން ކުރި މަސައްކަތް، ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލް ކުރެވުނީ އޮފިސަރުންގެ ކުޅަދާނަ ކަމުން ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގައެވެ. އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތްތައް ވެސް ހައި ކޯޓުގައި ވަނީ ފަށައިފައެވެ.
އޭގެ ފަހުން ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތެރެއިން އިތުރު ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުތަކެއް ކުރެވިފައެވެ. އެ މައްސަލަތަކުގެ ތަހުގީގަށް ރައީސް ޔާމީން އެތައް ފަހަރަކު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ވެސް ކޮށްފައެވެ.
މިވެސް ކިހާ ބޮޑު ވަބާއެއް! މުޅި ދުނިޔެއާއި ގައޮމު ބޮޑު މުސީބަތެއްގަ ވަނިކޮށް ބޮޑުވަގެއް ސަލާމަތް ނުވެގެން މިބައި ގަނޑު މިޢުޅެނީ.