މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާގެ ވޫހާން ސިޓީއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 50 ޕަސެންޓް އިތުރު ކޮށްފިއެވެ.
ވޫހާންއިން މަރުވި މީހުންގެ ލިސްޓަށް 1290 ކޭސްއެއް އިތުރުކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ.
ވޫހާންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މަރުވި މީހުންގެ ލިސްޓަށް އިތުރު ކޮށްފައިވާ ކޭސްތަކަކީ، ހޮސްޕިޓަލުން ބޭރުގައި މި ބަލީގައި މަރުވި މީހުންގެ ކޭސްތަކެވެ. މީގެ ތެރޭގައި ޖަލުތަކާ، ޖަނާޒާ ބާއްވާތަންތަނުން ފޯރުކޮށްދިން ތަފާސް ހިސާބުތަކުން އެއްކުރި ކޭސްތައް ހިމެނޭ ކަމަށް ވޫހާންއިން ބުނެއެވެ.
ކޮވިޑް-19ގައި ހޮސްޕިޓަލުން ފަރުވާ ނުލިބި މަރުވި މީހުންގެ ކޭސްތައް، ވޫހާންގެ ތަފާސް ހިސާބުތަކުގައި މީގެ ކުރިން ހިމަނާފައެއް ނުވެއެވެ.
ބަލީގެ ފެށުން އައި ފުރަތަމަ ކޮޅު ޓެސްޓުކުރާނެ އާލާތްތައް އެކަށީގެންވާ މިންވަރަކަށް ނެތުމުން، މި ބަލީގައި މަރުވެދިޔަ މީހުންގެ ކަށަވަރު އަދަދެއް އަދިވެސް ވަނީ ނުހޯދިއެވެ.
ޗައިނާއިން އަދިވެސް ބުނަމުންދަނީ، ކޮވިޑް-19އާ ގުޅިގެން އެގައުމުން މައުލޫމާތު ނުފޮރުވާކަމަށް ބުނެ ދިފާއަށް ކުޅެމުންނެވެ.
ވޫހާންގެ އާބާދީގައި އޮތް 11 މިލިއަނެއްހާ މީހުން ވަނީ އެތައް މަހެއް، ހަރުކަށި ލޮކްޑައުންއެއްގައި ހޭދަކޮށްފައެވެ. ވޫހާންގައި އިއުލާންކުރި ލޮކްޑައުންގެ އަމުރު އުވާލީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޗައިނާއިން ކޮވިޑް-19 ޖެހުނު ކަމަށް ރެކޯޑްކޮށްފައިވާ މީހުންގެ ރަސްމީ އަދަދު، ގާތްގަނޑަކަށް 84000 އަށް އަރާއިރު، މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 7 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކުރި ގައުމެވެ.
އަދާ ޖެހުނުއިރުވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފަށާފައިވަނީ ވޫހާންގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދަކުންނެވެ.
ޗައިނާއިން ކޮވިޑް-19ގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 4632 އަށް އަރާފައެވެ.