މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެ އައުމާއެކު ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލޭން ފެންނަ ކޭސްތައް އިތުރުވެ، މިހާރު ޖުމްލަ 11 ކޭސްއެއް މާލެއިން ފެނިފައި ވާއިރު، މާލޭގައި އިތުރު ކޭސްތައް އުޅޭނެ ކަމަށް ޑޮކްޓަރުންވެސް ވަނީ ބުނެފައެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު މާލެއިން އިތުރުވުމާ ގުޅިގެން މާލޭގައި ލޮކްޑައުން އިއުލާނު ކޮށް އެންމެން ގޭގައި ތިބެން އަންގާފައިވާ މި ދަނޑިވަޅުގައި ގޭ ބަންދުވެ ޒަރޫރީ ބޭނުންތަކަށް ބޭރަށް ދިއުންވެސް ވަނީ މަނާ ކޮށްފައެވެ. މި ދަނޑިވަޅުގައި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވެ ދިނުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ މީހުންނަކީ ފުލުހުންނާއި ސިފައިންނެވެ.
ގައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އެހީތެރިވަމުން އަންނަ އެ ބަތަލުން، ހިތްވަރު ދައްކާ ދިވެހިންނަށްޓަކައި، ދިވެހި ގައުމަށްޓަކާއި މިއަދު ވަނީ ނުކުމެފައެވެ. މި ނާޒުކު ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް، ފުލުހުންނާއި ސިފައިން ވަނީ ނިކުމެފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، ގޭގެއަށް ކާބޯތަކެތި ފޯރުކޮށްދޭން ނުވަތަ ޑެލިވަރީ ކޮށްދިނުމެވެ. އެސްޓީއޯގެ ހޯމް ޑެލިވަރީއަށް ބާރު ބޮޑުވެ، ހުއްޓިފައިވާތީ، ގޭގެއަށް މުދާ ގެންގޮސް ދިނުމުގެ މަސައްކަތް ސިފައިންނާއި ވަނީ އިއްޔެ ފަށާފައެވެ. ސިފައިން ދަނީ އާއްމުންގެ އެސްޓީއަށް ދީފައިވާ ޑެލިވަރީ އޯޑަރުތަކަށް މުދާ ހަމަކޮށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި، އެސްޓީއޯ ސުޕަ މާކެޓުގައި ހަރަކާތްތެރި ވަމުންނެވެ.
ފެން ޑެލިވަރީ ކުރަން ދަތިވަމުން ދާތީ، ފުލުހުންގެ ހާއްސަ ޔުނިޓް، ސްޕެޝަލް އޮޕަރޭޝަން ޔުނިޓް (އެސްއޯ) އިން މާލެ އަށް ފެން ސަޕްލައި ކުރަންވެސް ވަނީ ނުކުމެފައެވެ. އައިލެންޑް ބްވަރޭޖަސް ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން އުފައްދާ "ތާޒާ" ފެނުގެ ޑިމާންޑް ބޮޑުވަމުން ދާތީ، ފެން ސަޕްލައި ކުރުމުގެ މަސައްކަތް ފުލުހުން ކޮށްދޭން ފަށާފައި ވާ ކަމަށެވެ.
މީގެ ތެރެއިން ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ މާލޭ ލޮކްޑައުން ކުރުމާ ގުޅިގެން މާލޭގައި ގެދޮރުނެތް މީހުންނަށް އެހީތެރިވުމަށް ފުލުހުން ނުކުމެ ކާބޯތަކެތި ބަހާ އެމީހުނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ ފައި ވާ ކަމެވެ.
މާލެ ލޮކްޑައުންކުރުމާ ގުޅިގެން މާލޭ ސަރަހައްދު ޕެޓްރޯލް ކުރުމުގައި އެތައް ސަތޭކަ ފުލުހުންނެއް އަންނަނީ ރެއާ ދުވާލުގެ ނިދި ނަގާލާ ހަރަކާތްތެރި ވަމުންނެވެ. ލޮކްޑައުންގެ ހާލަތުގައި މަގުތަކަށް ނުނިކުތުމަށް އިލްތިމާސް ކުރަމުން އަންނަ އިރުވެސް "ދިވެހިން ތިބެން ވަނީ ދިވެހިންގެ ގޮތުގަ"އެވެ. ބައެއް މީހުން މަގުތަކަށް ނިކުމެ އުޅެއެވެ. ބަހެއް ނާހައެވެ. ނަމަވެސް ބަސް ނާހާ މަގުތަކަށް ނުކުތުން ތަކުރާރު ވާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ މީގެ ކުރިން ވެސް ތަކުރާރުކޮށް ބުނެފައެވެ. އަދި ރެއިން ފެށިގެން ފުލުހުން އަންނަނީ މަގުމަތީގައި އުލޭ މީހުންނަށް އަޅަމުން އަންނަ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.
ދިވެހިން އެކަންޏެއް ނޫނެވެ. ބަންގާޅީންވެސް "ބައިގަންގަނޑަށް" މަގުމަތީގައި އުޅެއެވެ. ފުލުހުންގެ ވެހިކަލުގައި "ގެއަށް ވަންނާށޭ" އަޑުގަދަ ކުރާއިން ގޮވާލުމުން "ގަޑަގަޑަ އަޅާފައި" ދުވެ ގޮސް ހަރަށް ވަދެއެވެ. އުނުގައި އޮންނަ މުންޑުގަނޑު ގޮށި ކުރަމުން ފޮށާގަނޑު ކޮނޑުމައްޗަށް ވައްޓާލައިގެން އެކުވެރިންނާއެކު ބައިސާ ކަނޑަން ނުކުމެ ތިބޭ އިރު "މީ ލޮކްޑައުން އެއް ހޭ" ބުނާހެންވެސް ހީވެއެވެ. އެހާވެސް މިނިވަންކޮށް އެމީހުން މަގުމަތީގައި އުޅެއެވެ.
ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ބޮޑު ކަމަކާއި ކުޑަކަމެއްގެ ފަހަތުގައި އެބައެއްގެ ފުރާނަ އަތްމައްޗަށް ލައިގެން، އަނބިދަރިންނާއި ލޯބިވާ އާއިލާއާއަށް ވުރެ ބޮޑަށް، ގައުމުގެ ހައްގުގައި އަބަދުވެސް ތެދުވާނެ ބަޔަކީ މި ގައުމުގެ ސަލާމަތީ ބާރުތަކެވެ. އެމީހުން ކޮށްދޭ މަސައްކަތް ހެޔޮހިތުން ބަލައިގަންނަން ޖެހޭއިރު، ފާހަގަ ކޮށްލެވޭ ބައެއް ކަންކަމަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހަނގުރާމަވެރި ހަތިޔާރު ހިފައިގެން މި ގައުމަށް އަރާ، އެތަށް ދިވެހިންނަކާއި ސިފައިންނެއްގެ ލޭ އޮހޮރުވާލި އިރު، ދުޝްމިނުންނާ ދެކޮޅަށް ނިކުމެ މި ރާއްޖެ ސަލާމަތް ކޮށްދިނުމާއި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމާއި މާލެ ފެނަށް ޖެހުނު ދުވަސްވަރުވެސް ސިފައިން ފުލުހުން ނަމޫނާ ދައްކާ، އެހީތެރިކަން ފޯރިކޮށްދިނުމުގައި ވަރުބަލިކަމެއްނެތި ހަރަކާތްތެރިވި ދުވަސްތަކެވެ.
ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑު ކާރިސާއެއްގައި އެހީތެރިވާ މީހުންގެ އެންމެ ކުރީ ސަފުގައި ސިފައިންނާއި ފުލުހުން ވާއިރު، މާލޭގައި ހިނގި ބޮޑެތި އަލިފާނުގެ ހާދިސާތަކުގައިވެސް އެބާރުތަކުން ވަނީ ހިތްވަރާއި ޖޯޝުގައި ނުކުމެ ގައުމަށްޓަކާ އެހީވެދީފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ މާޗްމަހުގެ 19 ވަނަ ދުވަހު ލިލީ ގުދަނުގައި ރޯވި ހާދިސާ އާއި 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކޯސްޓްލައިން ހާޑްވެއާ ގައި ރޯވެ ހިނގި ހާދިސާގައި ސަލާމަތީ ބާރުތަކުގެ ހިތްވަރުގަދަ ކަން ފާހަގަ ވެގެން ދިޔައެވެ.
މި ފަހުން ހިނގި މިފަދަ ހާދިސާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 20 ވަނަ ދުވަހު ހެންވޭރުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި މާލޭ ޓީ ޖެޓީ ސަރަހައްދުގައި ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމުގައި ސިފައިންނާއި ފުލުހުން ވެދިން އެހީތެރިކަމާއި އެއްބާރުލުމެވެ.
ހެނވޭރު އަބަދަށްފެހި މަގުގެ ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގާ، އެތައް ބައެއްގެ ގެތަކުގައި ރޯވެ އެތައް ދިވެހިންނެއް ހާލުގައި ޖެހުނު ބިރުވެރި ދުވަހު ސިފައިނެގެ ތެރެއިން އަލިފާން ނިއްވުމާއި އަލިފާން ރޯވެފައިވާ ގެތަކަށް ވަދެ މީހުން ސަލާމަތް ކުރުމަށް ސިފައިން ކުރި ބުރަ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފާހަގަ ކުރައްވާ އޭގެ ތެރެއިން 20 ސިފައިން ދެއްކި ހިތްވަރާއި ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މެޑައްޔާއި ކުލަ ހަވާލުކުރައްވާފައެވެ. ގައުމާއި ރައްޔިތުންނަށްޓަކައި ހިދުމަތަށް އެދި ގޮވާލާ ކޮންމެ ފަހަރަކު ގައުމީ ރޫހުން ފުރިފައިވާ ޖޯޝެއްގައި ގައުމީ ހިދުމަތް ކުރުމުގައި ސިފައިންނާއި ފުލުހުން ދެމިތިބެއެވެ.