ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގއ. މާމެންދޫ އަދި ނިލަންދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގއ. މާމެންދޫ އަދި ގއ. ނިލަންދޫގައި ސެލްފް ސަރވިސް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އެ ބޭންކުން ބުނީ، މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ގއ. އަތޮޅު ވިލިނގިލީގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިން ހިދުމަތް ދެމުންދާ ކަމަށެވެ. އަދި ގއ. އަތޮޅުގެ 6 ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. މި ރަށްތަކަކީ ކޮލަމާފުށި، ދާންދޫ، މާމެންދޫ، ނިލަންދޫ ،ގެމަނަފުށި، އަދި ކޫއްޑޫ އެވެ. އަދި ހަމައެހެންމެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލުން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ހިދުމަތް ދެމުންނެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކުން މި ވަގުތު ތިބީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާދިސާއާ ގުޅިގެން ބޭންކަށާއި އިގްތިސޯދަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައިވެސް މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެގޮތުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅުކަމަށްވާ ހުވަދު އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރެވޭކަމީ ލިބޭ އުފަލެއް ކަމަށް ސޯޔާ ވިދާޅުވިއެވެ. އަދި މި ދެރަށުގެވެސް އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް ބޭންކިން ހިދުމަތް ހޯދުމަށް މި އޭޓީއެމް ސެންޓަރުތަކުގެ ސަބަބުން އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ސޯޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ބީއެމްއެލުން ވަނީ ބޭންކިން ހިދުމަތް ހޯދުވުމަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން ބޭނުންކުރުމަށާއި ފައިސާ ދެއްކުމަށް މޮބައިލްޕޭ ފަދަ ފަސޭހަ އޮންލައިން ހިދުމަތްތައް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސާވިސް ބޭންކިން ސެންޓަރު، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.