ކޮވިޑް-19އާ ގުޅިގެން އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް ޔޫއެސް ޑޮލަރު ނެގޭ އަދަދު ބޭންކް އޮފް މޯލްޑިވސް (ބީއެމްއެލް) އިން ކަނޑައަޅައިފިއެވެ.

ބީއެމްއެލުން މިއަދު ނެރުނު ބަޔަނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރާއްޖެއަށް ޑޮލަރު އިމްޕޯޓް ކުރާ އަދަދު ދަށްވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން މިއަދުން ފެށިގެން ކޮންމެ ކަސްޓަމަރަކަށް އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ އަދަދު 2000 ޔޫއެސް ޑޮލަރުގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ބުނީ، މިހާރު ރާއްޖޭން ބޭރަށް ދަތުރު ކުރުން ހުއްޓާލާފައިވާތީވެ، ޔޫއެސް ޑޮލަރު ބޭނުންވާ އަދަދު ވެސް ދަށްވެފައިވާ ކަމަށެވެ. އަދި މަތީގައި ބަޔާންކޮށްފައިވާ އަދަދު ކަނޑައެޅިފައިވަނީ ބޭންކުގެ ކަސްޓަމަރުންނަށް ކުރިޔަށް އޮތްތާނގައި ދިމާވެދާނެ ދަތިތަކަށް ބަލައި މުހިންމު ޒަރޫރީ ބޭނުންތަކަށް ޔޫއެސް ޑޮލަރު ބޭނުންވާ ފަރާތްތަަކަށް ދަތިކަމެއް ނެތި ޑޮލަރު ނެގުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އެ ބޭންކުން ބުނެއެވެ.

އެ ބޭންކުން ބުނީ، ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްފަދައިން އިންޓަނެޓް ބޭންކިން އަދި މޯބައިލްޕޭ މެދުވެރިކޮށް ޔޫއެސް ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް ބޭނުންވާ ޔޫއެސް ޑޮލަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ފޯރުކޮށްދެމުންދާ ކަމަށާއި، އެގޮތުން ބޭންކުން ދަނީ އިމްޕޯޓްކުރާ ފަރާތްތަކަށް ބޭނުންވާ ޔޫއެސް ޑޮލަރު ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފައިސާ ފޮނުވުމުގައި ދިވެހިރުފިޔާ އެކައުންޓް ބޭނުންކޮށްގެން ފައިސާ ފޮނުވޭގޮތް ހަމަޖައްސާފައެވެ.