ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭން ބޭރުގައި ތިބި ދިވެހިންނަށް އޭޓީއެމް އިން ފައިސާ ނެގޭ އަދަދު އިތުރުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، ބީއެމްއެލް ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި އޭޓީއެމް އިން ފައިސާ ނެގޭ އަދަދު 1000 ޑޮލަރާ ހަމައަށް މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު ބީއެމްއެލުން ބުނީ، ރާއްޖެއިން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާފީ ވެސް ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު އެ ފީ ވަނީ 15 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެ އިތުރުން ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރި ކުރެވޭނެކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށްވެސް ވަަނީ ލުއިތަކެއް ދީފައެވެ. މި ގޮތުން ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމައަށް ފައިސާ ފޮނުވުމުގައި ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭނެ ކަމަށާއި މިކަމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި ފައިސާ ފޮނުވުމުގެ ހިދުމަތަށް ކަސްޓަމަރުން ދައްކަންޖެހޭނީ ހަމައެކަނި ފޮރިން ބޭންކް ޗާޖުކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށްވެސް ދިވެހި ފައިސާގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން 500 ޑޮލަރާ ހަމައަށް ފައިސާ ފޮނުވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މި ހިދުމަތް ފޮރިން މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖޭން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހިންނަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބޭންކުން ބުނީ މި ވަގުތަށް ކަނޑައެޅިފައިވާ އުސޫލްގެ ދަށުން މޭ މަހުގެ ނިޔަލަށް މި ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ބަދަލުވަމުން އަންނަ ހާލަތަށް ބަލައި، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް އެހީވެވޭނެ ގޮތްތައް ބަލާނެ ކަމަށް ބޭންކުން ބުނެއެވެ.