ދުނިޔޭގެ އެކިކަންކޮޅުތަކުން 2 މިލިއަނަށްވުރެ ގިނަ މީހުން އެވައިރަހުގެ ޝިކާރައަކަށް ހަދާފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހަކީ ޗައިނާގެ ލެބޯޓްރީއަކުން އުފައްދާ، ލީކުވި ވައިރަހެއްކަން ސާބިތުވާނެ އެއްވެސް ހެއްކެތް ނެތްކަމަށް ޗައިނާއިން ބުނެފިއެވެ.
ކޮވިޑް-19އަކީ ޗައިނާގެ ލެބެއްގައި އުފައްދާފައިވާ ވައިރަހެއް ކަމަށާ، އެ އީ "ލެބް-ލީކް" އެއްކަމަށް އެންމެ ހަރު އަޑުން ވަކާލާތު ކުރަމުން ދަނީ އެމެރިކާއިންނެވެ. މިކަމަކީ އެމެރިކާގެ ޖާސޫސީ އަދި ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުން ތަހުގީގު ކުރައްވާ ކޭސްއެއް ކަމަށް ސީއެންއެންއިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް ފެންނަން ފަށާފައިވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީއިންނެވެ. މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ފެނިފައިވަނީ ވޫހާންގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުން ދިޔަ ސީފުޑް މާކެޓަކުން ކަމަށް ވީ ނަމަވެސް، އެއީ ވައިރަހުގެ ފެށުން ސާބިތު ނުވާކަމަށް ޗައިނާއިން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.
ޗައިނާގެ ހާރިޖިއްޔާއިން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދާ ޕްރެސް ބްރީފިންގްގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޝާއޯ ލީޖިއާންގް ވިދާޅުވީ، ކޮވިޑް-19ގެ ފެށުމާ، ފެތުރިގެން ދިޔަ ގޮތާ މެދު ޗައިނާއިން އަބަދުވެސް ގެންގުޅެނީ ސާފު ސްޓޭންޑްއެއް ކަމަށެވެ. އެގޮތުން މިއީ ސައިންޓިފިކް ކަމެއް ކަމަށާ، މިކަން ދިރާސާކުރަންޖެހޭ ބަޔަކީ ސައިންސްވެރިންނާ ސިއްހީ ތަޖުރިބާކާރުން ކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ.
ކޮވިޑް-19އަކީ ލެބެއްގައި އުފައްދާފައިވާ ވައިރަހެއް ކަމަށް ސާބިތު ކުރާނެ ހެކި ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނާ ބުނުން ހަނދާންކޮށްދޭން ބޭނުންވެލައްވާކަމަށްވެސް ޗައިނާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ތަޖުރިބާކާރުންވެސް ވަނީ މިއީ ލެބް ލީކެއްކަމަށް ބާރުދޭނެ ހެކި ނެތް ކަމަށް ބުނެފައި ކަމަށްވެސް ޗައިނާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ގައިންގައަށް އަރާ އިންފެކްޝަންތަކަކީ އިންސާނިއްޔަތުގެ އެންމެ ބޮޑު ދުޝްމަނު ކަމަށާ، އެ ދުޝްމަނު ބަލިކޮށްލެވެން އޮތީ ސާބިތުހިފެނިވި އިޖާބައެއް ދީގެން ކަމަށްވެސް ޗައިނާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ. ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަނގުރާމާގައި ޗައިނާގެ އެއްބާރުލުން ލިބޭނެކަމަށްވެސް އެގައުމުން ވަނީ ހާމަކޮށްފައެވެ.
ކޮވިޑް-19އަށް ޗައިނާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ، 82341 އަށް އަރާފައެވެ. އަދި މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 3342 އަށް އަރާފައެވެ.