ހަނގުރާމަތަކުގައި އިނގިރޭސި އަސްކަރިއްޔާއަށް ހިދުމަތްކޮށްދީފައިވާ އުމުރުން 99 އަހަރުގެ މީހަކު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އިންތިހާ ނުތަނަވަސްކަމުގައި އޮތް އިނގިރޭސިވިލާތުގެ ގައުމީ ސިއްހީ ހިދުމަތުގެ ދާއިރާ (އެންއެޗްއެސް)އަށް ހަދިޔާ ކުރުމަށް 6 މިލިއަން ޑޮލަރު، ހިނގައިގެން ހޯދައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން ގެތަކުގައި މީހުން ބަންދުވެފައިވާއިރު، މިކަން ކުރުމަށް ޓޮމް މޫއާ ކަނޑައެޅީ، އޭނާގެ 100 ވަނަ ދުވަސް އަންނަންވާއިރަށް، އޭނާ ދިރިއުޅޭ ގޭގެ ބަގީޗާ ތެރޭގައި 100 ބުރު ޖެހުމަށެވެ. ޗެލެންޖެއްގެ ގޮތުގައި އޭނާ މި އަމާޒު ހާސިލުކުރަން ފެށީ އެންއެޗްއެސް ޗެރިޓީޒް ޓުގެދާ ނުވަތަ އިނގިރޭސިވިލާތުގެ ހޮސްޕިޓަލުތަކަށް ފަންޑު ހޯދާދޭ ޕްރޮގްރާމަކަށް އެހީވުމުގެ މަގުސަދުގައެވެ.

އަމިއްލައަށް ހިނގާބިނގާވެ ނުއުޅުވޭ މީހުން ބޭނުންކުރާ ޒާތުގެ ފްރޭމްއެއްގެ އެހީގައި ބަގީޗާ ތެރޭގައި ވަށާ ބުރު ޖެހުމުގެ މަސައްކަތް މޫއާ ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މޫއާ، އޭނާގެ 100 ވަނަ އުފަން ދުވަސް ފާހަގަކުރާނީ މި އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. މި ދުވަހަށް ވާންވާއިރަށް 1000 ޕައުންޑް ނުވަތަ 1257 ޑޮލަރު ހޯދުމުގެ އަމާޒު މޫއާ ކަނޑައެޅިއެވެ. އަދި ދުވާލަކު 10 ބުރު ޖަހައިގެން ޖުމުލަ އަދަދު ހަމަ ކުރަން އޭނާ ރޭވިއެވެ.

މި ޗެލެންޖު ފެށިތާ 24 ގަޑިއިރުވީއިރު އޭނާ ކަނޑައެޅި އަމާޒާ އެއްވަރަށް އޭނާއާށް ޑޯނޭޝަންތައް ލިބިއްޖެއެވެ. ނަމަވެސް އޭނާ ކަނޑައެޅި އަމާޒާ އެއްގޮތަށް ބަގީޗާ ވަށަ 100 ބުރުޖެހުމުގެ މަސައްކަތަށް މޫއާ އެއްވެސް ބަދަލެއް ނުގެނެއެވެ. އޭނާގެ އަމިއްލަ ނަފްސާ ކުރަމުންދާ މި އާދަޔާ ހިލާފު ޗެލެންޖުގެ އެންމެ ފަހު ލެޕް ނުވަތަ އެންމެ ފަހު 10 ބުރު ހަމަކުރާނީ މިއަދުގެ ވަގުތެއްގައެވެ.

ޗެލްންޖް މެދުވެރިކޮށް ޑޯނޭޝަން ފައިސާ އެއްކުރުމަށް މޫއާއަށް އެހީތެރިވަމުން ދިޔައީ އޭނާގެ 16 އަހަރުގެ ކަފަ ދަރިފުޅެވެ. އޭނާ މިކަން ކުރީ ކާފައަށް ޓްވީޓާ އެކަންޓެއް ހަދާ ދީގެންނެވެ. މިއަދު މި އެކައުންޓް ފޮލޯ ކުރާ މީހުންގެ އަދަދު ބައި ލައްކައަށް އަރަނީއެވެ.

2006 ވަނަ އަހަރު މުއާގެ އަންހެނުން މަރުވި ފަހުން އޭނާ ދިރިއުޅެމުންދަނީ އޭނާގެ އަންހެން ދަރިފުޅުގެ އާއިލާއާއެކުގައެވެ. ނަމަވެސް ގޭގައިވެސް އޭނާ އުޅެނީ ވަރަށް މިނިވަންކޮށް ކަމަށާ، އަމިއްލައަށް ކާންބޭނުންވާ އެއްޗިހިވެސް އަމިއްލަ އަތުން ތައްޔާރުކުރަން މަސައްކަތްކުރާ ކަމަށް މޫއާގެ އާއިލާއިން ބުނެއެވެ.

މޫއާގެ އާދަޔާ ހިލާފު ހިތްވަރު ފެނި، "ކެޕްޓަންޓޮމްމޫއާ"ގެ ހޭޝްޓެގްވެސް އިނގިރޭސި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މިހާރު ދަނީ ވައިރަސް ވަމުންނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސި އަސްކަރިއްޔާއަށް ހިދުމަތް ކުރުމުގެ ގައުމީ ޒިންމާ އޭނާއާއި މަތިކުރެވުމުގެ ކުރިން، މޫއާ މަސައްކަތް ކުރަމުންދިޔައީ ސިވިލް އިންޖިނޭރެއްގެ ގޮތުގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، އިނގިރޭސި އަސްކަރިއްޔާގެ މެމްބަރެއްގެ ގޮތުގައި މޫއާ ވަނީ އިނގިރޭސިވިލާތުގެ އިތުރުން އިންޑިއާ އަދި އިންޑޮނޭޝިއާގައިވެސް ހިދުމަތްކޮށްފައެވެ.