ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އާސަންދައިން ހިދުމަތްދޭ ފަރާތްތަކާ އެކު އެ ކުންފުނިން އޮންލައިން ކްލިނިކްތަކެއް ގާއިމްކޮށްފިއެވެ.

އާސަންދައިން ބުނީ އޮންލައިންކޮށް ހިދުމަތްދޭން ކްލިނިކް ތަކެއް ގާއިމް ކޮށްފައި ވަނީ މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނި، މާލެ ލޮކްޑައުން ކޮށްފައި އޮތުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ހުޅުވާލި ކްލިނިކްތަކުގެ ތެރޭގައި އޭޑީކޭ، ކުލުނު މެޑިކަލްސް، ޕްރައިމެކްސް މެޑިކެއާ، ފެމެލީ ކެއާ، އިމޭޖް ސެންޓަރު، އެއިމްސް ޑައިގްނޯސްޓިކް ސެންޓަރު، އިންސްޓްޓިއުޓް އޮފް މެންޓަލް ވެލް ބިން، އައިކެއާ ހޮސްޕިޓަލް، ފަސްޓް ކެއާ މެޑިކަލް ސެންޓަރު، ސެނެހިޔާ ހޮސްޕިޓަލް ހިމެނޭ ކަމަށްވެސް އާސަންދައިން ބުނެއެވެ.

މީގެ އިތުރުން އާސަންދައިން ވަނީ މިހާލަތުގައި އަމިއްލަ އަދި މުޖުތަމައުގެ ރައްކާތެރިކަމަށް އިސްކަންދީ، ކެތްތެރި ކަމާއިއެކު ގޭގައި މަޑުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތައް އަޑުއަހާ އަމަލު ކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އާސަންދައިން އޮންލައިން ކްލިނިކްތަކެއް ގާއިމް ކޮށްފައިވާއިރު، ކޮވިޑްއަށް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އައިޖީއެމްއެޗްއިން ވަނީ ސްޕެޝަލިސްޓް އޯޕީޑީއާއި އަދި އެހެނިހެން ކްލިނިކްތައް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަންދުކޮށްފައެވެ.