ކޮވިޑް19 އާއި ގުޅިގެން ދޮގު މައުލޫމާތު ނުފެތުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ ކޮވިޑް19 ގެ ހާލަތާ ގުޅޭ އެންމެ ފަހުގެ އަދި ކަށަވަރު މައުލޫމާތު ފޯރުކޮށް ދިނުމުގައި ދެމިތިބޭނެ ކަމަށާއި، އަދި މިފަދަ ދަނޑިވަޅެއްގައި ކަށަވަރު ނުކުރެވޭ، އަދި ނުރަނގަޅު މައުލޫމާތު ފެތުރުން ހުއްޓައިލުމަށް އަންގާ، އިލްތިމާސްކުރާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅޭ ދޮގު މައުލޫމާތު ނުފެތުރުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައި ވާއިރު މިއަދު މާލެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވުމާ އެކުގައި ތަފާތު އެކި ވާހަކަތައް އެމީހާއާ ގުޅުވައިގެން ވެސް ދިޔައީ ސޯޝަލް މީޑިއާގައި ދައްކަމުންނެވެ. ނަމަވެސް ދޮގު ވާހަކަ ފެތުރުމަށް މިހާތަނަށް ދައްކާފައި ވަނީ ކޮންކޮން ވާހަކައެއް ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

މާލެ ތެރެއިން ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އަދި މިއާއެކު މާލެ ސަރަހައްދުގައި އެއްގައު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުންވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މީގެ އިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރަމުންދާ ބަހާއި ފެރީހެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 21 ޕޮޒިޓިވް ވެފައިވައިރު، އޭގެތެރެއިން 6 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފައެވެ.