ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު މިއަދު މާލެ އިން ފެނިފައިވާތީ، ވަކިގޮތެއް ކަނޑައަޅަންދެން މިއަދުން ފެށިގެން ސިވިލް ކޯޓު ބަންދު ކޮށްފިއެވެ.
ސިވިލް ކޯޓުން ބުނީ، ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު މާލެއިން ފެނިފައިވާތީ ވަކި ގޮތެއް ކަނޑައަޅަންދެން މިއަދު 11:45 އިން ފެށިގެން އެކޯޓު ބަންދުކުރެވިފައިވާ ކަމަށެެވެ. އަދި ކޯޓުގައި ތާވަލު ކޮށްފައިވާ މައްސަލަތައްވެސް ކެންސަލް ކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ބުނެއެވެ.
ސިވިލް ކޯޓުގައި ތާވަލުކޮށްފައިވާ މައްސަލަތައް ކެންސަލް ކޮށްފައިވާއިރު، ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ކޯޓުތަކުން ދަނީ ޝަރީއަތްތައް އޮންލައިންކޮށްވެސް ކުރިއަށް ގެންދަމުންނެވެ. ކޮވިޑް19 އަށް މާލެތެރެއިން ދިވެއްސަކު ޕޮޒިޓިވް ވެފައިވަނީ މިއަދުއެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮވިޑް19 އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާ ކަމަށާއި، މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާ ކަމަށެވެ. އަދި މި މީހާ މިހާރުވަނީ އައިސޮލޭޝަން ފެސިލިޓިއަށް ގެންގޮސްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މާލެތެރެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒުލާ ރަފީގު ވަނީ ކޮވިޑް19 ރާއްޖެއަށް އައިސް ފެތުރޭ ހާލަތެއްގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ މާލެ ސަހަރަހައްދުން 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް އަންދާޒާ ކޮށް ހިސާބުތަކެއް އާންމު ކުރައްވާފައެވެ.
ކޮވިޑް19 އާ ގުޅިގެން ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ އިމްޕީރިއަލް ކޮލެޖުން ފަރުމާ ކޮށްފައިވާ މޮޑެލް ބޭނުންކޮށްގެން ކުރި އަންދާޒާއިން ދައްކާގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފިނަމަ މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު 1403 އަށް އަރާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި 140،258 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށާއި، އައިސީޔޫގައި 7013 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ލަފާ ކޮށްފައެވެ. އަދި އެއްވެސް އަޅާލުމެއް ނެތި ދޫކޮށްލާފައި އޮންނަ ހާލަތުގައި 98000 މީހުނަށް ބަލި ޖެހި މުޅި ރާއްޖެއިން 10000 އަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށްވެސް އަންދާޒާ ކޮށްފައިވެއެވެ.