ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރިފައި އޮތުމާއެކު، ހިމަބިހީގެ ބަލިމަޑުކަމެއްވެސް ފެތުރިދާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމުގެ އިންޒާރު، ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް) އިން ދީފިއެވެ.

ޔުނިސިފްއިން މިފަދަ އިންޒާރެއް ދީފައި މިވަނީ، ކޮވިޑް-19އާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި މީގެ ކުރިން ކުރިއަށް ގެންދަމުން ދިޔަ ވެކްސިން ޕްރޮގްރާމްތައް މަޑުޖައްސާލާފައިވާކަން ފާހަގަކުރަމުންނެވެ.

ހިމަބިހީ ބަލިމަޑުކަން ފެތުރިދާނެ ކަމުގެ އިންޒާރު ދެމުން ޔުނިސެފުން ބުނީ 37 ގައުމަކުން 117 މިލިއަން ކުއްޖަކަށް، އެންމެ އެކަށީގެންވާ ވަގުތުގައި ވެކްސިން ނުދެވި ހިނގައިދާނެ ކަމަށެވެ.

ހަމުގައި ބިހިގަނޑުތަކެއް ފަދަ އެއްޗެއް ނަގާ، ހުން އައިސް ކެއްސުމުގެ އަލާމާތްތައް ފެންނަ ހިމަބިހީގެ ބައްޔަކީ، މަމްސް، މީސަލްސް އަދި ރުބެއްލާ (އެމްއެމްއާރް) ވެކްސިންގެ 2 ޑޯޒް ދީގެން، އެ ބަލިން ދިފާއު ހޯދުމުގެ ފުރުސަތު އޮތް ބައްޔެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދާ އިނގިރޭސިވިލާތަށް ބަލާއިރު އުމުރުން 5 އަހަރުވެފައި ތިބި ކުދިންގެ 95 ޕަސެންޓް ކުދިންނަކީ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކުދިންނެވެ. ނަމަވެސް ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ މީގެ ތެރެއިން 87.4 ޕަސެންޓް ކުދިންނެވެ.

ހިމަބިއްސަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވުމާއެކު، ވެކްސިން ދެވޭ މިންވަރަށް ކުޑަނަމަވެސް ބަދަލެއް އައި ކަމުގައި ވީ ނަމަވެސް ބޮޑު އަސަރެއް ކުރެއެވެ.