މާލޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މައްޗަންގޮޅީގެ ގެއެއްގެ ތެރޭގައި ބަންގްލަދޭޝްގެ މީހަކު މަރުވެފައި އޮއްވާ ފެނިގެން މިއަދު މެނދުރު 1:46 ހާއިރު، ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މަރުވެފައި އޮތް ބަންގްލަދޭޝް މިހާއަކީ އުމުރުން 29 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ އެ ސީންގައި ހަރަކާތްތެރި ވަމުން ކަމަށާއި އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް މާލޭގެ ގޭގޭ ކޮޓަރީތަކުގެ ތެރޭގަ އާއި ގެސްޓް ހައުސްތަކުގައި ބިދޭސީން މަރުވެފައި ތިއްބާ ފެނުން ގިނަވެފައި ވެއެވެ. އެގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކާސިންޖީ މަގުގައި ހުރި ގެސްޓްހައުސެއްގައި ބަންގްލަދޭޝް ފިރިހެނަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އެމީހާއަޚި ޑެންގޫ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހެއް ކަމަށް އޭރު ފުލުހުން ބުނެއެވެ. މަރުވެފައި އޮއްވާ ފެނުނު މީހުންގެ ތެރެއިން އެއީ ކޮވިޑް-19 އަށް ޓެސްޓު ކުރެވުނު އެފަދަ ފުރަތަމަ ކޭސްއެވެ.