ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ގައުމުތައް ލޮކްޑައުން ކުރުމާއި، ދަތުރުފަތުރުގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކިޔެވުމަށާއި، އެހެނިހެން ބޭނުންތަކަށް އަދި ދިރިއުޅުން ބަދަލުކޮށްގެން އުޅުނު ދިވެހިން ވެސް އެހިސާބުން އެބަޔަކު ތިބި ގައުމުތަކުގައި ތާށިވީއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވުރެ ދަތި ހާލުގައެވެ.
ނޫސްތަކުގެ ސުރުހީންނާއި ޓީވީ ރޭޑިއޯތަކުން އަބަދުމެ ފެނި، އަޑު އިވޭ އާންމު އެއް ވާހަކައަކަށް ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ ގައުމަށް ގެނައުމުގެ ވާހަކަތައް ވާނެއެވެ. ހާސްކަމާއި ބިރުވެރިކަމުގެ ތެރޭގައި ތިބި އެތައް ދިވެހިންނެއްގެ އާދޭސްތަކާއި ޝަކުވާވެސް މެއެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ވާހަކައެވެ. ދައްކާ ބަހަނާތަކާއި އަމާޒުވާ ފާޑުކިއުންތަކުގެ ވެސް ވާހަކައެވެ.
ރާއްޖޭގެ ބޯޑަރު ބަންދުނުކޮށް، ކޮވިޑް-19ގެ ނުރައްކާ ބޮޑުވެގެން ބައެއް ގައުމުތަކުން މީހުން ރާއްޖެ އެތެރެވުން އެންމެ އަވަހަށް މަނާ ކުރި ގައުމަކީ ބަންގްލަދޭޝްއެވެ. އެންމެ 3 ޕޮޒިޓިވް ކޭސް ފެނުމާއެކު ބަންގްލަދޭޝުން ރާއްޖެއަންނަ ހުރިހާ ފްލައިޓުތަކެއް ހުއްޓާލުމަށް ސަރުކާރުން އެންގި އިރު، އެ ގައުމުގައި ދިވެހި އެތައް ކިޔަވާ ކުދިންނެއް ތިއްބެވެ. އެ ކުދިން ތިބީ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި، ރާއްޖެ އާދެވޭނެ އިރެއްގެ އިންތިޒާރުގައި ގިޓާ ކުޅެލަ ކުޅެލައޭ ވެސް ބުނެވިދާނެއެވެ.
ބަންގްލަދޭޝްގެ ހާލަތު ގޯހުން ގޯހަށް ދާއިރު، އެތަނުގައި ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ދަނީކީ އެންމެ އެކަށީގެންވާ ގޮތަކަށް ވެސް ނޫނެވެ. އެކަށީގެންވާ ވަރަށް މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރެވެމުނެއް ނުދެއެވެ. ކަރަންޓީނު ކުރާ މީހުން މޮނިޓާ ނުކުރެވި، އެތައް ބަޔަކު ކަރަންޓީނުން ފިލައިގެންދާ ހަބަރުތައް ދަނީ އިވެމުންނެވެ. ސިއްހީ ހިދުމަތްތެރިން މަސައްކަތަށް ނިކުމެ އުޅޭއިރު އަޅާން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ޑޮކްޓަރުން ވެސް ދަނީ މަރުވަމުންނެވެ.
ހޮސްޕިޓަލްތައް ފުރި، ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަރާތްތައް ހޮސްޕިޓަލަށް ވަނުމުގެ ހުއްދަ ނުދީ، ފަގީރު ހާލުގައި އުޅޭ ބައެއް މީހުން ވަނީ މަރުވެފައެވެ. މީހުން ހޭލުންތެރި ކުރެވިފައިވާ މިންވަރު ދަށް ވުމާއެކު ސޯޝަލް ޑިސްޓެންސިންއެއް ނެތެވެ. ކާނާ ހޯދުމުގައި އުނދަގޫތައް ދިމާވަމުން ދާއިރު، ބޭންކުތަކާއި އޭޓީއެމްތައް ހުޅުވާފައި ނެތުމުގެ ސަބަބުން ލާރީގެ ދަތިކަން ވެސް ދިވެހިންނަށް ވަނީ ކުރިމަތިވެފައެވެ.
ކޮވިޑް-19 އަށް ބަންގްލަދޭޝުން 1012 މީހުން ޕޮޒިޓިވިވެ 7 މީހަކު މަރުވެފައި ވާއިރު، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކޮންމެ ރެއަކު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކަމާ ބެހޭ ފަރާތްތަކުން ބުނަމުން ދަނީ އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެންއީއޯސީން ހާމަކުރާ މައުލޫމާތަކާއި ދަރިވަރުންގެ ފަރާތުން ލިބޭ މައުލޫމާތަކާ މި އޮންނަނީ ދިމާނުވެފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެގައުމުގައި ހުރި ދަރިވަރަކު ބުނީ، ކަމާ ބެހޭ ފަރާތްތަކުން މީޑިއާގައި އެމީހުންގެ ހާލު ރަނގަޅު ކަމަށް ބުނަނީ ކިހިނެތް ކަން ނޭނގޭ ކަަމަށާއި، އެގައުމުގައި ހުންނަ ހައި ކޮމިޝަނުން ވެސް އެމީހުންގެ ހާލު ނުބަލާ ކަމަށެވެ. އަދި ކޮވިޑް-19 ބަލިމަޑުކަން ފެތުރުނީއްސުރެ، ހައިކޮމިޝަނުން އެންމެ މެސެޖެއް ވެސް ކޮށްނުލާ ކުދިން އެބަ ތިބި ކަމަށާއި، އެގައުމުގައި ތިބި ދިވެހިންގެ ހާލު ނުބަލާ ކަމަށް އެކުދިން ބުނެއެވެ.
އޭނާ ބުނީ، ކޮލެޖުތަކުގެ ހޮސްޓެލުން އެކޮމޮޑޭޝަން ހަމަޖައްސައިގެން ދިރިއުޅޭ ބައެއް ކުދިން އެ ތަންތަނުން ނިކުންނަން ޖެހުމުގެ ސަބަބުން ޑާކާގައި އެޕާޓްމަންޓުތައް ހުރި މީހުން އެކުދިންނަށް އެކޮމޮޑޭޝަން ހަމަޖައްސައި ދީފައިވާ ކަމަށެވެ. އަދި ހޮސްޓެލުން ނިކުންނަން އެނގި ކަން ހައި ކޮމިޝަނަށް އެންގުމުން، ރައްޓެހި ކުއްޖަކާއެކު ނުވަތަ ދަންނަ މީހެއް ކައިރިން އެކޮމޮޑޭޝަން ހަމަޖެއްސޭނެ ގޮތެއް ހޯދުމަށް އެ ދަރިވަރަށް އެންގި ކަމަށާއި، އެފަދައިން ކަން ކުރުމުން، ދަތުރު ކުރުމަށް ހައިކޮމިޝަންގެ ފަރާތުން ވެހިކަލެއް ހަމަޖައްސައި ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ބަންގްލަދޭޝްގައި ތިބި ދަރިވަރުންނަށް ރާއްޖެ އައުމަށް މިމަހު 16 ވަނަ ދުވަހަށް ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، އެކަން ނުކުރެވޭނެ ކަމުގެ އިޝާރާތްތައް ދަރިވަރުންނަށް ލިބިފައިވާ ކަމަށް މައުލޫމާތު ދިން ބައެއް ކުދިން ބުނެއެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ނެތް ކަމަށާއި ފައިސާ ނެތް ކަމަށް ވެސް ބުނެފައިވާ ކަމަށް އެ ދަރިވަރުން ބުނެއެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޫސްތަކަށް އެރި ވާހަކަތަކާއެކު ބަންގްލަދޭޝްގައި ތިބި ދަރިވަރުން، ވަނީ މިކަމުގައި ރަސްމީ ޖަވާބެއް ހޯދުމަށް "އާދޭސް" ކޮށްފައި ކަމަށް އެ ދަރިވަރުން ސިފަ ކޮށްފައި ވާއިރު، މިހާތަނަށް ހައި ކޮމިޝަނުން ވެސް ރަސްމީ ޖަވާބެއް ލިބޭ ގޮތް ނުވެފައިވާ ކަމަށް އެ ކުދިން ބުނެއެވެ.
އެހެން ގައުމުތަކުން އެގައުމުތަކުގެ މީހުން ޗާޓާރު ފްލައިޓުތަކުގައި ގެންދާ އިރު ރާއްޖެއިން ވެސް އެކަން ކުރެވޭނެ ކަމަށް އެ ދަރިވަރުން ގަބޫލު ކުރެއެވެ. އަދި އެ ދަރިވަރުން ރާއްޖެ ގެނެވޭނެ ގޮތެއް ހޯދަމުން ދާ ކަމަށް އެތައް ދުވަހަކު ކިޔުމަށް ފަހި ރާއްޖެއިން އެންމެ ފުރަތަމަ ރެސްކިއު ފްލައިޓުތައް ބަންގްލަދޭޝަށް ވުރެ ރިސްކު ހައި ނޫން ގައުމުތަކަށް އެޅުމުން، އެ ކަމުގައި އިހުސާސް ކުރެވުނީ ބޭވަފާތެރިކަން ކަމަަށް އެ ދަރިވަރުން ބުނެއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، މި ހާލަތުގައި ހައި ކޮމިޝަނަށް ވެސް ދެވޭނެ މާބޮޑު އެހީތެރިކަމެއް ނެތް ނަމަވެސް ހޮސްޓެލުން ނިކުންނަން ޖެހުނު ކުއްޖަކު އެވާހަކަ ހައިކޮމިޝަނާ ހިއްސާކޮށް އެހީތެރިކަމަށް އެދުމުން އޭނާއަށް އެހީތެރިވެ ދީފައިވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު އެގައުމުގައި ތިބި ދަރިވަރުންނަށް ނުގުޅި ކަމުގައި ވިޔަސް އެކުދިންގެ ހާލު ބަލަމުންދާ ކަމަށާއި، އެހީތެރިކަމެއް ބޭނުން ވެއްޖެ ހާލެއްގައި އެހީވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ބަންގްލަދޭޝްގައި ގިނައިން ތިބީ މެޑިސިން ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށް ވުމާއެކު، އެކުދިން ވަނީ ރާއްޖެއިން ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ބޭނުން ވެގެން ބޭރުގައި ތިބި މީހުން އަންނަން އެދުމުން، އެކަމަށް ވެސް އަމިއްލައަށް އެދި، ވޮލެންޓިއަރުންގެ ލިސްޓް ފޮނުވާފައެވެ. ރާއްޖެ އައިސް ކަރަންޓީނުގައި ތިބުމަށް ފަހު، އެންއީއޯސީއާ ގުޅިގެން، މެޑިކަލް ޓީމުގައި މަސައްކަތް ކުރުމަށް އެ ދަރިވަރުން ތައްޔާރަށް ތިބި އިރު، އެ ދަރިވަރުންގެ އާދޭހަކީ އެ ކުދިން އަމިއްލަ ފަސް ގަނޑަށް ގެނެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމެވެ.