ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހަގީގީ ފެށުމާ ގުޅޭ ގޮތުން ހަދާފައިވާ އިލްމީ ދިރާސާތައް އާންމުކުރުން ޗައިނާ ސަރުކާރުން ހުރަސް އަޅަމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ޗައިނާ ސަރުކާރުން ދީފައިވާ އިރުޝާދެއްގެ އިތުރުން އެ ގައުމުގެ 2 ޔުނިވާސިޓީއަކުން އާންމުކޮށްފައިވާ އިއުލާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، މި ދިރާސާތައް އާންމު ކުރުމަށް ހުރަސްތަކެއް އެބަހުއްޓެވެ.

ދެ ޔުނިވާސިޓީއިން ކުރި އިއުލާން މިހާރު ވެބްސައިޓްތަކުން ނަގާފައި ވާކަމަށް ޚަބަރު ލިބެއެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވޫހާން ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: އެންވައިޓީ

ކޮވިޑް-19އާ ގުޅޭ އިލްމީ ދިރާސާތައް އާންމުކުރެވޭނެ އުސޫލު ކަމަށް ބުނެ ޗައިނާގެ މަރުކަޒީ ސަރުކާރުން ކަނޑައަޅާފައިވާ ގަވައިދުގައި، ދިރާސާތައް ޝާއިއުކުރެވެން އަންނަނީ މިފަދަ ދިރާސާތައް އާންމުކުރުމުގައި އަމަލުކުރަމުންދާ އާންމު މަރުހަލާތަކުގެ އިތުރުން، "ވެޓިންގް" މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހުގައެވެ.

ޑިލީޓް ކޮށްފައިވާ ޕޯސްޓްތަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި، ކޮވިޑް-19ގެ ފެށުން އައި ގޮތެއް ބެލުމަށް ހަދާފައިވާ ދިރާސާތައް އާންމުކޮށް ޝާއިއު ކުރެވެން އަންނަނީ ޗައިނާގެ މަރުކަޒީ ސަރުކާރުގެ އިސް އޮފިޝަލުންގެ އިޒުނައާވެސް އެކުގައެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާއަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކާޓޫނު ކުރެހުމެއް/ފޮޓޯ: ޓްވިޓާ

މިއީ އަދާ ޖެހުނުއިރުވެސް ހަގީގަތެއް އެނގިފައި ނުވާ ކޮވިޑް-19ގެ ފެށުން އައި ގޮތް ހާމަވުން ހުއްޓުވުމަށް ޗައިނާ ސަރުކާރުން އެޅި މިފަދަ އެންމެ ފަހުގެ ފިޔަވަޅެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުން ފެށިގެން ޗައިނާގެ ދިރާސާ ޓީމުތަކުން ދަނީ ކޮވިޑް-19އާ ގުޅޭ ތަފާޓު ދިރާސާތައް، ބައިނަލްއަގުވާމީ ފެންވަރުގައި ވަރުގަދަ ސިއްހީ ޖާނަލްތަކުގައި ޝާއިއު ކުރަމުންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ވައިރަސް ފެތުރެމުން ދިޔަ ގޮތާ ގުޅިގެން ހަދާފައިވާ ބައެއް ދިރާސާތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި ޗައިނާގެ ސަރުކާރާ މެދު ސުވާލު އުފައްދާ، ބޮޑެތި ތުހުމަތުތަކެއް ވަނީ އަމާޒު ވެގެން ގޮސްފައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް (މ)، ވޫހާން ސިޓީގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުންދާ ޕޭޝަންޓަކާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވަނީ/ފޮޓޯ: ޝީންހުއާ

ދުނިޔޭގެ އެކި ކަންކޮޅުތަކުން 210 އަކަށް ވުރެ ގިނަ ގައުމާ ސަރަހައްދުން ކޮވިޑް-19 ފެނިފައި ވާއިރު މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1.8 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު 114000 އަށް ވުރެވެސް މައްޗަށް ވަނީ އަރާފައެވެ.

ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައި ވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސްގައި އޮންނަ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުން ދިޔަ ސީފުޑް މާކެޓެއް ހިންގި ސަރަހައްދުން ކަން އެނގުން ފިޔަވާ އިތުރު އެއްވެސް ތަފްސީލެއް އަދިވެސް ނޭނގެއެވެ.