ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތުގައި ކުރާ ތަރާވީހު ނަމާދު ކުރާނީ ގޭގައި ކަމަށާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ނިމެންދެން މިސްކިތު ޖަމާއަތުގައި އެއްވެސް ނަމާދު ނުކުރާނެ ކަމަށް ސައުދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑަންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

"ދުވާލުގެ ފަރުޟު ފަސް ނަމާދު ޖަމާއަތުގައި ކުރުން މެދުކަނޑާލާފައި އޮންނަ އޮތުން މުހިންމު ތާރާވީހު ނަމާދު މެދުކަނޑާލުމަށްވުރެ. މިވަގުތު މީހުންގެ ސިއްހަތަށް އެންމެ ރަނގަޅު ގޮތަކީ ގޭގައި ނަމާދު ކުރުން ކަމަށްވާއިރު، މިސްކިތުގައި ކުރިއަސް ގޭގައި ކުރިއަސް ނަމާދު ގަބާލުކުރައްވާތޯ މާތް ﷲއަށް ދުޢާ ދަންނަވަން. އަޅަމެންގެ ކިބައިން އަޅުކަން ޤަބޫލުކުރައްވާ، މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ބަލިމަޑުކަމުން އިންސާނިއްޔަތު ހިމާޔަތްކޮށްދެއްވުން އެދި އެކަލާންގެއަށް ދުޢާ ދަންނަވަން"، ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ ޢަބްދުލް ލަޠީފު އަލް ޝައިހްއާއި ހަވާލާދީ އަލް ރިޔާދު ނޫހުގައިވާ ލިޔުމަކަށް ރިއާޔަތްކޮށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ދީފައިވާ އިރުޝާދަށް ރިއާޔަތް ކުރައްވާ އަލް ޝައިހު ވިދާޅުވީ މައްޔިތާގެ މައްޗަށް ކުރާ ކަށުނަމާދުގައިވެސް އެންމެ ގިނަވެގެން ބައިވެރިވެވޭނީ 5-6 މީހުންގެ 1 ޖަމާއަތަށް ކަމަށެވެ. މިއީވެސް އެއްވުންތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސައުދީއިން މިހާރުވެސް ވަނީ ޢުމްރާ ވިސާ ދޫކުރުން މަޑުޖައްސާލާފައެވެ. މިއަހަރުގެ ރަމަޟާން މަހަށްވެސް ޢުމްރާ ވިސާ ދޫނުކުރާނެކަން ސައުދީއިން ވަނީ ހާމަކޮށްފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ވަކި ގޮތަކަށް ހަމަޖެހެންދެން، މިއަހަރުގެ ޙައްޖު ޕްލޭންތައް މަޑުޖައްސާލަންވެސް ސައުދީއިން ވަނީ ގޮވާލާފައެވެ.