ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާލާސްކަންފުޅުގައި އިނގިރޭސިވިލާތުގެ ލަންޑަންގެ ސެއިންޓް ޓޮމަސް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، ހޮސްޕިޓަލުން ޑިސްޖާޗުކޮށްފިއެވެ.

ހަފުތާއެއް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ޖޯންސަން ޑިސްޗާޖުކޮށްފައިވާކަން، އޭނާގެ ތަރުޖަމާނަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ހޮސްޕިޓަލުން ޑިސްޗާޖުކޮށްލާފައިވަނީ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން އަންނާތީ ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ހޮސްޕިޓަލުން ޑިސްޗާޖުކޮށްލުމުން ބޮރިސް ޖޯންސަން ވަޑައިގަންނަވަނީ ރަސްމީ ގެކޮޅު 'ޗެކާޒް'އަށް ކަމަށް ޚަބަރު ލިބެއެވެ. އާލާސްކަންފުޅު މުޅިން ރަނގަޅުވަންދެން އޭނާ ހުންނަވާނީ އެތަނުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ސިއްހީ ޓީމުގެ އިރުޝާދުގެ ދަށުން، މި ވަގުތުން މިވަގުތަށް ބޮރިސް ޖޯންސަން މަސައްކަތަށް ނުނިކުންނަވާނެ ކަމަށް ތަރުޖަމާނަކު ވަނީ މީޑިއާއަށް ވިދާޅުވެފައެވެ.

ބޮރިސް ޖޯންސަންވަނީ ހޮސްޕިޓަލުން ލިބުނު ފުރިހަމަ ޚިދުމަތުގެ އަގު ވަޒަންކުރައްވާ، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.