ރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ކޮލެޖްތަކުން ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލު ކުރަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް) އިން ބުނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ޕްރައިވެޓް ކޮލެޖުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން އެ ޖަމިއްޔާއިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްވަރާގައި ނިންމާފައިވަނީ ޕްރައިވެޓް ކޮލެޖުތަކަށް މިހާރު ދިމާވެފައިވާ ގޮންޖެހުން ތަކާ ބެހޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކޮށް އެކަން ހިއްސާ ކުރުމަށް ކަމަށެެވެ.

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ޕްރައިވެޓް ކޮލެޖުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން އެ ޖަމިއްޔާއިން ވަނީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއަށް ސިޓީ އެއްވެސް ފޮނުވާފައެވެ. އެޖަމްއިއްޔާގެ ރައީސް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ސޮއިކުރައްވާ ހަޔާ އެޑިއުކޭޝަން މިނިސްޓަރަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ، ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ޕްރައިވެޓް ކޮލެޖުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ފީމްގެ މެންބަރުން

އަދި މިކަންކަމާ ގުޅިގެން ކިޔަވައިދޭ މަރުކަޒުތަކަށް ހުރި ގޮންޖެހުންތައް އަވަހަށް ހައްލު ނުކުރެވިއްޖެ ނަމަ، މަރުކަޒުތައް ހުއްޓުމަކަށް އައިސް އެތަކެއް ހާސް ދަރިވަރުންނާއި، މުވައްޒަފުންނަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބުން ވަރަށް ގާތް ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ވަރަށް އަވަސް ފުރުސަތެއްގައި ބައްދަލުކޮށް، މަޝްވަރާ ކުރުމަށް އެދޭ ކަމަށް އެ ޖަމިއްޔާއިން ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި އަދި ޔުނިވާސިޓީތަކުގެ އިތުރަށް ކޮލެޖުތައްވެސް ބަންދުކުރުމަށް ނިންމާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައެވެ.