ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާގައި އިއުލާންކޮށްފައިވާ ކާފިއުގެ މުހުލަތު އިތުރު ކުރުމަށް އެގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލް ސައުދު އަމުރުކުރައްވައިފިއެވެ.

ސައުދީގެ ދައުލަތުގެ ޚަބަރު ފަތުރާ ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)އިން ބުނީ، ކާފިއުގެ މުހުލަތު އިތުރު ކުރުމަށް ރަސްގެފާނު އަމުރުކުރައްވާފައިވަނީ، މުހުލަތެއް ނެތް ގޮތަށް، ވަކި އެއްޗެއް އަންގަވަންދެން ކާފިއުގެ އަމުރު ތަންފީޒުކުރާ ގޮތަށް ކަމަށެވެ.

މާޗް 23 ވަނަ ދުވަހުން ފަށައިގެން 21 ދުވަހުގެ ކާފިއު އަމުރެއް ސައުދީގައި ތަންފީޒުކޮށްފައިވާއިރު، މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކުރުމަށް ރަސްގެފާނު އަމުރުކުރައްވާފައިވަނީ، 21 ދުވަހުގެ ކާފިއުގެ މުއްދަތު ހަމަވުމުގެ ކުރިން ކަމަށް ސައުދީގެ ދާހިލީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ އެސްޕީއޭއިންވަނީ ރިޕޯޓްކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ފިހާރައެއްގެ ކުރިމަތީގައި ދޮށީ އުމުރުގެ މީހަކު އިށީނދެލައިގެން/ފޮޓޯ: ޢަލީ އަހުމަދު

ކޮވިޑް-19އާ ގުޅިގެން ސައުދީގައި އެންމެ ފުރަތަމަ ކާފިއު އިއުލާން ކުރީ އިރު އޮއްސި 07:00 އިން ހެނދުނު 06:00 ގެ ނިޔަލަށެވެ. އަދި މެންދުރުން އަނބުރާ 03:00 އިން އަނެއް ދުވަހުގެ ފަތިހު 06:00އަށް މި ވަގުތު އިތުރު ކުރެވުނެވެ. އޭގެ ފަހުން ހުސްވި ހަފުތާއިން ފެށިގެން ސައުދީގެ ބޮޑެތި ސިޓީތަކުގައި 24 ގަޑިއިރުގެ ކާފިއުގެ އަމުރު އިއުލާންކުރިއެވެ. އެއީ ކޮވިޑް-19އިން ދިފާއުވުމަށް ތަންފީޒު ކުރަމުންދާ އިޖުތިމާއީ ގައިދުރުކަމުގެ ފަލްސަފާއަށް މީހުންގެ ފަރާތުން އެދެވޭ އިޖާބައެއް ލިބެމުން ނުދިއުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައުދީގައި ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކަށް ބޯނުލަނބާ މީހުން ހައްޔަރު ކުރުމުގެ މަސައްކަތްވެސް އެގައުމުގެ ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން ކޮވިޑް-19ގެ އިންފެކްޝަން ފެނިފައިވާ ސަރަހައްދަކުން، އެނޫން ސަރަހައްދަކަށް ދަތުރުކުރާނެ ކަމަށް ބުނެ، ވީޑިއޯއެއް މެދުވެރިކޮށް އިންޒާރުދިން މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެމީހާއާއި ދެކޮޅަށްވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން ސައުދީއިން މަސްޖިދު އަލް-ނަބަވީގެ ދޮރުކޮޅު ބަންދުކުރަނީ/ފޮޓޯ: ޙަރަމައިން އިންފޯ | ޓްވިޓާ

މީގެ އިތުރުން ސައުދީގައި ދިރިއުޅެމުންދިޔަ އިންޑިއާގެ ރައްޔިތުންތަކެއްވެސް ހައްޔަރުކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ. ކާފިއުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ އިތުރުން، އެމީހުންނަކީ، ސަރުކާރު ހިއްސާވާ ކަރަންޓު ކުންފުންޏަކުން، ކަރަންޓު ސާމާނުތަކަކާ، ލޮއި ސާކިޓް ބްރޭކަރުތަކެއް ވަގަށް ނެގި މީހުން ކަމަށް ސައުދީ އިލެކްޓްރިކް ކޯއިން ޚަބަރު ދެއެވެ.

ހަމަ މިއާއެކު ފިހާރަތަކުން މުދާ ހުސްވެފައިވާކަމަށް ބުނެ ދޮގު ޚަބަރު ފެތުރި މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާއިންވަނީ ޝީޝާ ވިޔަފާރި ހުއްޓާލާފަ/ފޮޓޯ: ދަ ނޭޝަނަލް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައުދީއިން އަޅަމުންދާ އިތުރު ފިޔަވަޅުތަކަށް ބަލާއިރު، ފެބުރުވަރީ މަހުން ފަށައިގެން ޢުމްރާ ވިސާ ދޫކުރުން ވަނީ ހުއްޓާލާފައެވެ. ކުރިއަށް އޮތް ރަމަޟާން މަހުވެސް ޢުމްރާގެ އަޅުކަމަށް ވިސާ ދޫކުރެވެން ނެތްކަމަށް ސައުދީގެ ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ސައުދީއިންވަނީ، ކޮވިޑް-19ގެ ބަލިމަޑުކަން ވަކި ގޮތަކަށް ހަމަޖެހެންދެން، މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ކުރަމުންދާ ޕްލޭންތައް މަޑުޖައްސާލުމަށްވެސް އިސްލާމީ އުއްމަތަށް ގޮވާލާފައެވެ.

ސައުދީގެ އަދުގެ ހާލަތަށް ބަލާއިރު، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4033 އަށް ވަނީ އަރާފައެވެ. 3261 އެކްޓިވް ކޭހެއް ރިޕޯޓްކޮށްފައިވާއިރު، 67 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ. އެންމެ ފަހުގެ ރެކޯޑްތައް ދައްކާ ގޮތުން، ކޮވިޑް-19ގައި ސައުދީއިން މަރުވި މީހުންގެ އަދަދު 52 އަށް ވަނީ އަރާފައެވެ.