ލޯނު ފަސްކޮށްދޭން ހުޅުވާލި ފުރުސަތުގައި 12000 ލޯން ފަސްކޮށްދޭން އެދިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ބީޢެމްއެލުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމާއެކު މިހާތަނަށް 12،000 ލޯނު ފަސްކޮށް ދިނުމަށް އެދި ހުށަހަޅައިފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށްވެސް ފަސޭހައިން ލޮގިންކުރެވޭ ގޮތަށް ލޯނާ ގުޅޭ ހުރިހާ މައުލޫމާތު އެކުލެވޭ އަދި ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހަޅޭ ގޮތަށް ބޭންކުންވަނީ އޮންލައިން ޕޯރޓަލްއެއް ގާއިމްކޮށް ކަސްޓަމަރުންނަށް ހުޅުވާލާފައި ކަމަށް އެ ބޭނުންކުން ބުނެއެވެ.
ލޯނު އަނބުރާ ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުން ވާނެ ގޮތް:
- ފުރަތަމަ 6 މަސްދުވަސް: މި މުއްދަތުގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި އިންޓަރެސްޓް ނަގާނީ ކޮމްޕައުންޑްކޮށެއް ނޫނެވެ. މާނައަކީ އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެ.
- ޖެހިގެން އަންނަ 6 މަސްދުވަސް: ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށްވުރެ 20 ޕަސެންޓު މަދު އަދަދެއް.
- ލޯނުގެ ބާކީ މުއްދަތު: ލޯނުދެއްކުން ފަސްކުރެވުނު ފުރަތަމަ ހަ މަސްދުވަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލާނެ.ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް އިތުރު ހަ މަސްދުވަސް ލިބޭނެ.
ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ހަމައެއާއެކު ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ. އަދި ލޯނު ފަސްކުރަން އެދި ހުށަހަލާ ފަރާތްތަކުން ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުން ނަގާފައިވާ ޕާސަނަލް، ހައުސިންގް، އަދި ބިޒްނަސް ފައިނޭންސިންގް ތެރެއިން މުރާބަހާ ފައިނޭންސިންގް ފިޔަވައި ހުރިހާ ފައިނޭންސިންގް އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.