ކޮވިޑް-19 އާ ގުޅިގެން، އަންނަ ހަފްތާގެ ދެ ދުވަހު ފެން ކުންފުނީގެ ކަސްޓަމާ ސާވިސް ހިދުމަތް ދިނުމަށް ނިންމައިފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކޮށްފައިވުމާއެކު، އަންނަ ހަފްތާގެ ހޯމަ ދުވަހާއި ބުދަ ދުވަހުގެ ހެނދުނު 9.00 އިން މެންދުރު 12.00 އަށް ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާގައި ހުންނަން އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ކައުންޓަރު އަދި ރިސެޕްޝަން ހުޅުވާފައި ހުންނާނެ ކަމަށެވެ.
އެގޮތުން ކަސްޓަމާ ސާވިސް ކައުންޓަރުން ފެންބިލަށް ޗެކު މެދުވެރިކޮށް ފައިސާ ބަލައި ގަތުމާއި ކޯޓޭޝަންތަކަށް ޗެކް އަދި ކާރޑް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ހަމައެއާއެކު ރިސްޕްޝަން ކައުންޓަރުން ސިޓީ އާއި އިންވޮއިސް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމާއި ހުށައަޅާފައިވާ އިންވޮއިސްތަކަށް، ހަމަޖެހިފައިވާ އުސޫލުން، ޕޭމަންޓް ދޫކުރާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
މީގެ އިތުރުން، މިދުވަސްތަކުގައި އެ ކުންފުނިން އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ކަސްޓަމާ ސާވިސްގެ ކައުންޓަރު ތަކުންވެސް އެ ހިދުމަތްތައް ލިބޭނެ ކަމަށާއި އަދި ފެންބިލުތަކަށް ފައިސާ ބަލައިގަތުމަށް ހުއްދަދެވިފައިވާ ޕޭމަންޓް އައުޓްލެޓްތަކުން ފެން ބިލަށް ފައިސާ ދެއްކޭނެކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ފެން ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުން ވީހާވެސް ބޮޑަށް ބޭރުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބިލަށް އަރާ އަދަދު ބަލާލުމަށާއި ބިލަށް ފައިސާ ދެއްކުމަށް، އެމް.ޑަބްލިޔު.އެސްސީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކުރެއްވުމަށް އެ ކުންފުނިން އިލްތިމާސްއެކެވެ. ހަމައެއާއެކު ހިދުމަތްތަކަށް އެދުމަށް ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ވެސް އެ ފަރާތުން ވަނީ އެދިފައެވެ
މީގެ އިތުރުން، އެ ކުންފުނީގެ ހިދުމަތްތަކާއި އެކިކަންކަމާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ސިޓީތަކާއި މުހިންމު ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ 24 ގަޑިއިރު ގުޅޭ ކަސްޓަމާ ކެއާ ސެންޓަރުގެ ނަންބަރު 105 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ.