ބަޖެޓުގައި ނުވާ ކަންކަމަށް ކޮންޓިންޖެންސީ ބަޖެޓުން ހަރަދު ކުރާ ކަމަށްވާ ނަމަ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަަމަށާއި އަދި އެއީ އެކަން އޮންނަ ގޮތްކަން މަޖިލީހުގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޓެންޑާ ބޯޑުގެ ޗެއާމަން ކަމަށް ދާދިފަހުން އައްޔަން ކުރެއްވި އިސްމާއިލް ޒަރިޔަންދު ވިދާޅުވުމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ނުރުހުން ފާޅުކުރައްވައިފިއެވެ.
ޒަރިޔަންދު އެފަދައިން ވިދާޅުވީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެއެވެ. ނަމަވެސް ޒަރިޔަންދު އެފަދައިން ވިދާޅުވުމުން އެކަމާ ނުރުހުން ފާޅުކުރައްވާ ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ މަޖިލީހުގައި 25 އަހަރު ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ކޮންޓިންޖެންސީ ބަޖެޓުން ހޭދަ ކުރަންވީ ގޮތް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ ޒަރިޔަންދުގެ ޓްވީޓުން ދޭހަވަނީ ރައްޔިތުންނަށް އޮޅުވާލާ "ފިތުނަ އުފައްދަން ބޭނުންވާ" ކަމަށެވެ.
"ޤާނޫނުއަސާސީގެ 96 ވަނަ މާއްދާ އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޖެޓް ބަޔާން ކޮށްފައިވާ ހަމަތަކުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ބަޖެޓް ހުށަހަޅާ ހަރަދު ކުރާ ފަރާތް ކަމަށް ބަޔާން ކޮށްފައި ނުވާނެ، މަޖްލިސްގައި ބަހުސް ކުރާގޮތަށް ޓެކްނިކަލް ބަހުސް ކުރައްވަން ނުހައްދަވާ،" ރޮޒެއިނާ އެފަދައިން ވިދާޅުވުމުން ޒަރިޔަންދު އިތުރު ޓްވީޓެއް ކުރައްވާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރާ ގުޅުވައިގެން ޒަރިޔަންދު އެފަދައިން ވާހަކައެއް ވިދާޅުވުމުން ރޮޒެއިނާ ވަނީ ފިނޭންސް މިނިސްޓަރުގެ މައްޗަށް ރައީސް އަށް އެއްޗެއް ނުބުނެވޭ ގޮތަށް ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައި އޮތްތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް ޒަރިޔަންދު ވަނީ އޭނާ ވިދާޅުވި އެއްޗެއް އިތުރަށް ސާފު ކޮށްދެއްވުމުގެ ގޮތުން ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ފޮޓޯއެއް ޕޯސްޓު ކުރައްވާފައެވެ.
އަދި ރޮޒެއިނާ ވަނީ ބަޖެޓާއި ހިލާފަށް ފިނޭންސް މިނިސްޓަރު ހަރަދު ކުރެއްވީ ކޮން އެއްޗެއްތޯ ސުވާލު އުފައްދާފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ޓެގް ކުރައްވާފައި ވެސް ވަނީ އެއަށް ޖަވާބެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރޮޒެއިނާ އަދި ޒަރިޔަންދުގެ މި ވާހަކަތަކުގެ ތެރެޔަށް އެންމެ ފަހުން ވަދެވަޑައިގަތީ ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ. ހަމައެކަނި ވިދާޅުވީ މެދުނުކެނޑި 16 އަހަރު ދައުލަތުގެ މާލިއްޔަތު ގަވާއިދު ހަދާ ކޮމެޓީގައި އިންނެވި ޒަރިޔަންދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ޒަރިޔަންދަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅުއްވާ ބޭފުޅެކެވެ. ހާއްސަކޮށް މާލީ ކަންކަމުގައި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އޭނާ ގެންދަވަނީ ފާޅުގައި އެކަން ކަމަށް ފާޑު ވިދާޅުވެ ހިޔާލު ފާޅުކުރައްވަމުންނެވެ.