އައްޑޫ ސިޓީ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ދިވެއްސަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ މަރަދޫ މުދިންގެ މަގުން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ތޫނު އެއްޗަކުން ހަމަލާދީ ފިރިހެނަކު ޒަހަމްކޮށްލި މައްސަލައެއް ރޭ 8:16 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

އެ ހާދިސާގައި ޒަހަމް ކޮށްލާފައި ވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާގައި އޭނާގެ ބުރަކަށިން ފަސް އިންޗި ވަރު ތިލަކޮށް ކަފައިގެން ގޮސްފައި ވާއިރު، އޭނާ އަށް މަރަދޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، މިފަދަ މައްސަލަތަކާއި ބޮޑެތި ކުށްތައް ކުރުން ގިނަވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

އައްޑޫގެ އިތުރުން މާލޭގައިވެސް މިފަދަ ކަންކަމަކީ ހިނގަމުން އަންނަ ކަންމެވެ.