އިނގިރޭސިވިލާތުގެ އެންމެ ބޮޑު އާއިލާގެ ގޮތުގައި ސޯޝަލް މީޑިއާއަށް މަޝްހޫރު ރެޑްފަޑް އާއިލާއިން 22 ވަނަ ދަރިފުޅަށް މަރުހަބާ ކިޔައިފިއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުތަނަވަސްކަން ވެރިވެފައިވާ މިދަނޑިވަޅުގައި އިނގިރޭސިވިލާތުގެ މަސްރަހުން ލިބުނު އެންމެ ތަފާތު ޚަބަރުގެ ގޮތުގައި ސޯޝަލް މީޑިއާގެ އަހުލުވެރިން ސިފަކުރަމުން އަންނަ މި ޚަބަރު، އުމުރުން 45 އަހަރުގެ ސޫ ރެޑްފަޑް ދިނީ އޭނާގެ އިންސްޓަގްރާމް ފީޑްގައެވެ.
މިދިޔަ ހަފުތާގެ ހުކުރު ދުވަހު 22 ވަނަ ދަރިފުޅަށް މަރުހާ ކީކަން ބަޔާންކޮށް ސޫ ވަނީ، އެ ދަރިފުޅުގެ އަތުގައި ހިފަހައްޓާލައިގެން އޮތް ފޮޓޯއެއްވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ސޫ ވިހެއީ އަންހެން ކުއްޖެކެވެ. މި ދަރިފުޅަށް އަދި ނަމެއް ދީފައިވާކަން ހާމަކޮށްފައެއް ނުވެއެވެ. މިއީ ސޫއާއި އޭނާގެ ފިރިމީހާ ނޮއެލް ރެޑްފާޑްއަށް ލިބުނު 11 ވަނަ އަންހެން ދަރިފުޅުވެސްމެއެވެ.
22 ދަރިން ވިހޭ ސޫގެ ހަޔާތަށް ބަލާއިރު އޭނާ ފުރަތަމަ ބަލިވެ އިނދެ ދަރިއަކު ވިހެއީ އުމުރުން 14 އަހަރުގައެވެ. އޭގެ ފަހުން އޭނާ ވަނީ ހަޔާތުގެ 800 ހަފުތާ، މާބަނޑު އަންހެނެއްގެ ގޮތުގައި ހޭދަކޮށްފައެވެ.
9 ވަނަ ދަރި ލިބުނު ހިސާބުން ނޮއެލްވަނީ ދަރިން ލިބުން ހުއްޓުވުމަށް ފިރިހެނުންނަށް ހާއްސަކޮށްގެން ކުރާ ސާޖަރީއެއް ހަދާފައެވެ. ނަމަވެސް އެ ސާޖަރީ ކާމިޔާބުވާ ގޮތެއް ނުވިއެވެ.
ރެޑްފާޑް އާއިލާއިން ދިރިއުޅެމުންދަނީ 10 ކޮޓަރީގެ ބޮޑު ގެއެއްގައެވެ.