ރާއްޖޭގެ ޖީޑީޕީ 3.5 ޕަސެންޓް ދަށްވާނެ ކަމަށް ބައިނަލްއަގުވާމީ ވިޔަފާރިއާއި އިގްތިސޯދީ އަދި މާލީ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ކުންފުނި މޫޑީސް ލަފާކޮށްފިއެވެ.
މޫޑީސްއިން ނެރުނު ރިޕޯޓެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން އިގްތިސޯދަށް އައި ހީނަރުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން އެކުލަވާލާފައިވާ އިކޮނޮމިކް ރިކަވަރީ ޕެކޭޖުތަކުން ރާއްޖޭގެ އިގްތިސޯދަށް އައި ހީނަރުކަމުން އަރައިނުގަނެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޖީޑީޕީ 3.5 ޕަސެންޓް އިތުރަށް ދަށްވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.
އެ ކުންފުނިން ބުނީ، ރާއްޖޭގެ ޖީޑީޕީ ދަށްވެގެން ދާނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މުޅި އަހަރަށް ބަލާއިރު، 10 ޕަސެންޓާއި 15 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ދަށްވެގެން ދިއުމުގެ ސަބަބުން ކަމަށެވެ. މޫޑީސްއިން ބުނީ، ރާއްޖޭގެ ޖީޑީޕީގެ 40 ޕަސެންޓް ހިއްސާ ކުރަނީ ފަތުރުވެރިކަމަށް ވާއިރު، ފަތުރުވެރިން އައުން ހުއްޓުމުން، މިހާރު އަޅަން ނިންމި ފިޔަވަޅުތައް އެޅިއަސް އިގްތިސޯދަށް ހީނަރުކަން އަންނާނެ ކަމަށެވެ.
މޫޑީސްއިން ބުނީ ރާއްޖޭގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުގައި ޓުއަރިޒަމްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އައި ހީނަރުކަން ކުޑަކުރުމަށްޓަކައި، މަނިޓަރީ އަދި ފިސްކަލް އޮތޯރިޓީސްތަކުގެ ޕޮލިސީ ފިޔަވަޅުތައް އެކުލެވިގެންވާ ކަމަށެވެ.
މޫޑީސްއިން މިފަދަ ރިޕޯޓެއް ނެރެފައިވާއިރު، ކޮވިޑް-19 އާ ގުޅިގެމް ރާއްޖޭގެ ހާލަތު އެންމެ ގޯސްވާ ދަނޑިވަޅުގައި މިއަހަރު ޖީޑީޕީ މައިނަސް 9 ޕަސެންޓަށް ދަށްވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ލަފާ ކުރައްވާފައެވެ. ގަވަރުނަރު މިފަދައިން ލަފާކުރެއްވީ މީގެ ކުރިން ދުނިޔެއަށް ކުރިމަތިވި ގްލޯބަލް ފައިނޭންޝަލް ކްރައިސިސްއާއި ސުނާމީ ކާރިސާގައި ރާއްޖޭގެ ޖީޑީޕީ ދަށަށް ދިޔަ މިންވަރާ އަޅާ ކިޔުއްވުމަށް ފަހުއެވެ.