މަރާމާތަށްފަހު ހުޅުވުމަށް ތައްޔާރުވެފައިވާ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ތިބޭނަމަ، އެ ގޮޅިތައް އަތުލާނެ ކަަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އޮންލައިންކޮށް އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝީފާ ވިދާޅުވީ، މިފަހަރު ގޮޅިތައް ދޫކޮށްފައިވަނީ ހަރުދަނާ އުސޫލެއް އެކުލަވާލެވި އެ އުސޫލުތަކާ އެއްގޮތަައް ކަމަށާއި އުސޫލުތަކާ ހިލާފުވާނަމަ އެ ގޮޅިއެއް އަތުވެލޭނެ ކަމަށެވެ. އެގޮތުން ޝިފާ ވިދާޅުވީ ވެރިފަރާތުގެ ބަދަލުގައި ގޮޅީގައި ދެވަނަ ފަރާތެއް ބަހައްޓާނަމަ އެމީހެއްގެ މައުލޫމާތުވެސް ކައުންސިލަށް އެނގޭނެ ކަމަށާއި އެ ދެ މީހުންގެ ފޮޓޯވެސް ގޮޅީގައި ފެންނަން ހުންނާނެ ކަމަށެވެ.
މިފަހަރު ގޮޅި ދިނުމުގައި ކުރިން ދަތުވެރިން މާރުކޭޓުގައި އަމަލީގޮތުން އުޅުނު ފަރާތްތަކަށް އިސްކަން ދީފައިވާނެ ކަމަށާއި ކުރިން ދަތުރުވެރިންގެ މާރުކޭޓު ހިންގި ފަރާތްތަކުގެ ތެރެއިން ގަވައިދާ ހިލާފުވެފައިވާ ފަރާތްތަަކަށް މާކްސް މަދުވާނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
ގޮޅި ދޫކުރުމުގައިވާ އަމަލުކޮށްފައިވާ އުސޫލުތައް އިތުރަށް ހާމަކުރައްވަމުން ޝިފާ ވިދާޅުވީ، މިފަހަރު މާކްސް ދިނުމުގައި އަންހެންނުނަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން އަންހެނުނަށް އިތުރު ފަސް މާކްސް ދީފައިވާނެ ކަމަށާއި އަލަށް ކުރިމަތިލި މީހުންނަށްވެސް ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
ޝީފާ ވިދާޅުވީ، މާރުކޭޓު އިތުރަށް ހަރުދަނާކޮށް ހިންގުމަށްޓަކައި މިހާރު ކެމެރާ ހަރުކުރެވި މުވައްޒަފުންވެސް އިތުރުކޮށް، ކުނި އުކާ ގޮތަށްވެސް އިންތިޒާމް ހަމަޖައްސާފައި ވާނެ ކަމަށެވެ. މިހާރު 116 ފަރާތަކާއެކު އެގްރިމަންޓު ހަދާފައިވާ ކަމަށާއި އެމީހުންނަށް މިހާރު އެތަނަށް ވަދެ ވިޔަފާރި ފެށުމަށްޓަކަައި މަސައްކަތް ކުރެވޭނެ ކަމަށް ޝިފާގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ޝިފާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މާރުކޭތުތައް ހިމެނޭގޮތަށް ސިޓީކައުންސިލުން ކުއްޔައް ދީފައިވާ ބިންތަކުގެ ކުއްޔަށް ލުޔެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި މިއަދު ބާއްވާ ކައުންސިލް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރައްވާނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
މަރާމާތު ކުރުމަށްޓަކައި ދަތުރުވެރިންގެ މާރުކޭޓު ބަންދުކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އެއާއެކު ބައެއް ފަރާތްތަކުން އެތަން ހުޅުވުން ލަސްވާތީވެ ކަންބޮޑުވުންވެސް ވަނީ ފާޅުކޮށްފައެވެ. މާރުކޭޓު ބަންދުކުރި އިރު އެތަނުގައި ހުރީ 174 ގޮޅިއެވެ.
ބިދޭސީންނަކީ ވިޔަފާރީގެ ހުރިހާ މަސައްކަތެއްގައިވެސް މި ފަހަކަށް އައިސް އެންމެ އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ ބައެެކެވެ. އެގޮތުން މާރުކޭޓުތަކުގެ ގިނަ ގޮޅިތަކުގައި ތިބެނީވެސް ބިދޭސީންކަން ފާހަގަ ވެއެވެ.
ކުރިން ފިހާރައިގެ ސޭޓުންނަށް ބޭރުމީހުން ތިބޭތީ ޖޫރިމަނާވެސްކުރި ފަހުންއެކަންދޫކޮށްލީ ތިހެން ގޮޅީގަ ބިދޭސީން ބައިތިއްބަންޏާ ގޮޅިއަތުލާކަމަށްވަންޏާ ބޭރުމީހުން ގޮޅިގައިތިބުމުގެ ކަންކަންހައްލުވާނެ ހަމަ ތިގޮތައް މަސްމާރުކޭޓް ގެ ކަންކަންވެސްއޮތީ އަހަރެމެންގެ ތެރެއިންބަޔަކު ގޯސްހަދާތީ މިހުރިހާކަމެއްގޯވެގެންމިދަނީ