ކޮވިޑް-19އާ ގުޅިގެން މިއަހަރު އިތުރަށް ފަތުރުވެރިން ނައިސްފިނަމަ އެންމެ ގޯސް ހާލަތުގައި ޖީޑީޕީ މައިނަސް 17.7 ޕަސެންޓަށް ވެއްޓޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ލަފާކުރައްވައިފިއެވެ.
ގަވަރުނަރު ހާޝިމް މިފަދައިން ލަފާކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. މި ކޮމިޓީގައި ހާޝިމް ވަނީ، ކޮވިޑް-19ގެ ސަބަބުން އަތުވެދާނެ އެންމެ ގޯސް ދަނޑިވަޅުގައި ރާއްޖެއަށް ކޮށްފާނެ އަސަރުތަކާއި އެކަމުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ހުލާސާގައި 3 ސިނާރިއޯއެއް ވިދާލުވެފައެވެ.
ފުރަތަމަ ސިނާރިއޯގައި ރާއްޖޭގެ ހާލަތު އެންމެ ގޯސްވާ ދަނޑިވަޅުގައި މިއަހަރު ޖީޑީޕީ މައިނަސް 9 ޕަސެންޓަށް ދަށްވާނެ ކަމަށް ގަވަރުނަރު ލަފާކުރެއްވީ މީގެ ކުރިން ދުނިޔެއަށް ކުރިމަތިވި ގްލޯބަލް ފައިނޭންޝަލް ކްރައިސިސްއާއި ސުނާމީ ކާރިސާގައި ރާއްޖޭގެ ޖީޑީޕީ ދަށަށް ދިޔަ މިންވަރާ އަޅާ ކިޔުއްވުމަށް ފަހުއެވެ.
ހާޝިމް ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީއަށް އެންމެ ބޮޑު އަސަރެއް ކުރީ ސުނާމީގައި ކަމަށާއި، އޭރު ޖީޑީޕީ ގާތްގަނޑަކަށް 17.7 ޕަސެންޓް ދަށަށް ދިޔަ ކަމަށެވެ. އަދި ގްލޯބަލް ފައިނޭންޝަލް ކްރައިސިސްގައި 7.7 ޕަސެންޓް ދަށަށް ގޮސްފައި ވާއިރު، އެންމެ ގޯސް ސިނާރިއޯގައި 9 ޕަސެންޓު ދަށަށް ދާނެ ކަމަށް ހާޝިމް ލަފާ ކުރެއްވިއެވެ. ގަވަރުނަރު ވިދާޅުވީ، އެހިސާބަށް ގޮސްފިނަމަ ހާލަތު ވަރަށް ދަށްވާނެ ކަމަށެވެ. ދެވަނަ އަދި ތިންވަނަ ސިނާރިއޯގައިވެސް ހިސާބުތައް ޖެއްސެވީ އެ މިންގަނޑު އަސްލަކަށް ބައްލަވައިގެންނެވެ. ނަމަވެސް އެންމެ ގޯސް ސިނާރިއޯގައި ޖީޑީޕީ 17.7 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާ ކުރައްވާފައި ވެއެވެ.
ގަވަރުނަރު ވިދާޅުވީ އެންމެ ގޯސް ހާލަތު ކަމަށް ލަފާކޮށްފައި ވަނީ މިއަހަރު ފަތުރުވެރިން އެއްވެސް ވަރަކަށް ނާންނަ ނުވަތަ ވަރަށް މަދުން އަންނަ ހާލަތު ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ، މި ސިނާރިއޯގައި މިއަށް ވުރެ ބޮޑަށް ބޭރުގެ އެހީއަށް ބަރޯސާވެ، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން މަސައްކަތްކުރަން ޖެހޭ ކަން ފާހަގަ ކުރައްވާފައެވެ.